ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގު އަންނަ މަހު ނިންމައިލެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި މައްސަލަ ތަހުގީގުކޮށް ހުރިހާ ލިޔެކިޔުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޮގަސްޓް ފަހެއްގެ ކުރިން ދައުވާ ކުރަން ކޯޓަށް ފޮނުވޭނެ ކަމަށެވެ.
ހައެއް ފަހެއްގެ ހަމަލާއާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރެއް ފުލުހުންނާއިއެކު ތަހުގީގުގައި މަސައްލަތް ކުރައްވާ ކަމަށެވެ. އަދި ހަފްތާއަކު އެއްފަހަރު ތަހުގީގުގެ ބްރީފިންނެއް ފުލުހުން އެމަނިކުފާނަށް ވަކިން ދެއްކާ ކަމަށް ވިދާޅުވި އެވެ.
ގާނޫނުގައި ބުނާގުން 45 ދުވަހާއި 75 ދުވަހާ ދެމެދު ތަހުގީގު މަރުހަލާ ނިންމައިލަން ޖެހޭ ކަމަށާއި ފުލުހުންނަށް އެކަން ކާމިޔާބުވާނެ ކަމަށް ވިދާޅުވި އެވެ. ސްޕީޑަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ އަވަސް އަރުވާލައިގެން އުޅެން ހަދައިގެން އެންމެ މުގުލުގައި ތިބި މީހުން އަތުނުވެދާނެ ކަމަށާއި ލަސް ކުރަން ހަދައިގެން ހެކި ނައްތާލުމަށް ޖާގަ ދެވޭ ކަމަށެވެ. އެހެންކަމުން ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް ބެލެންސް ކޮށްގެން ކަމަށް ވިދާޅުވި އެވެ.
"ތަހުގީގު އަވަސްކުރަން އެއްވެސް ކަމެއް ދޫކޮށްލާފައެއް ނުދާނަން. އަޅުގަނޑުމެން ހޯދަން ބޭނުންވޭ ފައިނޭންސްކުރި މީހުން. މިކަން ހިންގި މީހުން އަދި މިކަމަށް އެއްބާރުލުން ދިން މީހުންވެސް ހޯދަންބޭނުންވޭ. އަމަލު ހިންގި މީހުންނަށް ދައުވާ އުފުލިޔަސް ދެން ހުރި ބައިތަކުގެ ތަހުގީގު ކުރިއަށް ދާނެ. އެއްވެސް ކަމެއް އަޅުގަނޑުމެން ދުލެއް ނުކޮށްލާނަން." ޝަމީމް ވިދާޅުވި އެވެ.
މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މައްސަލައިގައި ދައުލަތުގެ ފަތާރުން ވަކާލާތު ކުރައްވާނީ ސީދާ ޕީޖީ ޝަމީމް ކަމަށް ވަނީ ވިދާޅުވެފަ އެވެ. ޝަމީމް ވިދާޅުވީ މައްސަލައިގެ ސީރިއަސް ކަމަށް ބަލާއިރު ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ ދައުލަތުގެ ޕްރޮސެކިއުޓަރެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒާ ފުއްތައް ވަދެ ބޮޑެތި ގެއްލުންތައް ލިބިވަޑައިގެން ފުރާނަފުޅަށްވެސް ނުރައްކާ ހިސާބަށް ދިޔައެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފުރަތަމަ ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ. ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ފަހުން ފަސްވަނަ މީހަކު ހައްޔަރުކުރި ނަމަވެސް އެމީހާގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.