ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮއްކޯފުޅު އަވަހާރަވުމުން ރައީސް ދުބާއީއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު، އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވުމާއި ގުޅިގެން އަމިއްލަ ދަތުރުފުޅެއްގައި ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހު ކަމަށެވެ.

އަހްމަދު ރޭގެ ވަގުތެއްގައި އަވަހާރަވީ ސީރިއަސް ބައްޔަކަށް ދުބާއީގައި ފަރުވާ ހޯއްދަވައި ހޮސްޕިޓަލުން އިއްޔެ ދޫކޮށްލި ފަހުން ހާޓްއެޓޭކެއް ޖެހިގެންނެވެ.

އާއިލާއިން މައުލޫމާތު ދެއްވި ބޭފުޅަކި ވިދާލުވި ގޮތުގައި އުމުރުފުޅުން 55 އަހަރުގެ އަހުމަދު ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ވެސް ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

އަހްމަދު އަވަހާރަވިއިރު ވަރަށް ފަހުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުން ދުނިޔޭގައި އެބައިންނެވި އެވެ.

ރައީސް ސޯލިހްގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު އަހްމަދަކީ އެ އާއިލާގައި ތިއްބެވި ލޯފަން ހަަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

އަހްމަދު އަވަހާރަވީ ހާފިޒަކަށް ވެވަަޑައިގަތުމަށްޓަކައި ގުރުއާން ހިތުދަސް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އެ އާއިލާގައި ލޯފަން އަނެއް ތިން ބޭފުޅުންނަކީ މިހާރުވެސް ހާފިޒުންނެވެ.