ރާއިފް މަރާލުން

ރާއިފްގެ މަރު: އާންމުންގެ އެހީތެރި ކަމަށް ފުލުހުން އެދިއްޖެ

މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރުގެ މައްސަލާގައި އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ހިއްސާ ކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އާންމުންގެ ކިބައިން އެދިއްޖެ އެވެ.

މަރާލާފައިވާ ކުއްޖާ ފެނުނީ ރޭ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަޅުތެރޭގައި ފޮއްޓަކަށްލާ އެއްލާލާފައި އޮއްވައެވެ.

ކުއްޖާގެ މަރާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފޭސްގައި ކުއްޖަކަށް އަނިޔާ ދީފައިވާ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ ވަނުން މަނާކޮށްފައިވާ ސަރަހައްދެއްގައި ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

ފުލުހުން ވަނީ މި ހާދިސާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ އެކަމެއް ހިއްސާކޮށް ދިނުމަށް އެދިފައެވެ.

"މިހާރު ދިވެހި ފުލުހުން މިކުރާ މަސައްކަތަކީ މި މައްސަލައިގެ އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި އެކުރަން ޖެހޭ ހެކި ގަރީނާ ހޯދުމުގެ މަސައްކަތް. ފުލުހުންގެ ހިދުމަތުގެ އިލްތިމާސްއަކީ މި ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ ނަންބަރު 9911099 ނުވަތަ 3000600 ނުވަތަ 1412 އާ ގުޅުއްވައިގެން ހިއްސާކޮށްދެއްވުން،" ރަޝީދު ވިދާޅުވިއެވެ.

މަރާލައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަރަހައްދެއްގެ ގޮނޑޮދޮށަށް އެއްލާލާފައި އޮތް އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރުގެ މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 17 އަހަރުގެ ކުޑަކުއްޖާއި 27 އަހަރުގެ މީހެކެވެ.

ހާދިސާގެ ފަހުން އެ މީހުން ފިލާ ތިބީ މާލޭގައި ހުރި ގެސްޓްހައުސްއެއްގައެވެ.

މި ގެސްޓްހައުސް ހިންގަނީ ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭތާ 30 އަހަރު ވެފައިވާ ބަންގްލަދޭޝްގެ ބަސްގަރު ހުސައިން ކިޔާ މީހެކެވެ. އެ ދެމީހުންގެ ކައިވެންޏަށް 15 އަހަރެވެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދަން ފުލުހުން ގެސްޓްހައުސް ތެރޭގައި ހިންގި އޮޕަރޭޝަންގެ މައުލޫމާތު އަވަސްއާ ހިއްސާކުރީ ވެސް ބަސްގަރާއި އޭނާގެ އަންހެނުން އަސްމާ ހުސައިނެވެ.

ބަސްގަރު ބުނި ގޮތުގައި ގެސްޓްހައުސްގެ ދެވަނަ ފްލޯގެ 202 ނަންބަރު ކޮޓަރިއަށް ފުލުހުން ވަނުމުގެ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ފޮޓޯ ދެއްކި އެވެ.

"ދެން ބުނީ މި މީހާ އުޅޭހޭ. އަހަަރެން ބުނިން އުޅެއޭ. ދެން އަހަންނާއެކު ފުލުހުން ގޮސް ކޮޓަރީގައި ޓަކި ދިނީމާ ދޮރެއް ނުހުޅުވި. ދެން އަހަރެން ތިރިއަށް އައިސް ފޯނުކޮށްފައި ބުނީ އަހަރެން މިއީ މީދަ [މިވެނި] މީހެކޭ ދޮރު ހުޅުވަ ދީބަލާށޭ. ޕޮލިސް އައިސް ތިބި ވާހަކަ އަހަރެން ނުބުނަން. އެވަރުން ވެސް އެ މީހުން ނުހުޅުވި." ފުލުހުން ގެސްޓްހައުސް އަށް ވަދެ އެންމެ ފުރަތަމަ ކަން ހިނގާދިޔަ ގޮތް ކިޔައިދެމުން ބަސްގަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮޓަރީގެ ދޮރު ނުހުޅުވުމުން ރިސެޕްޝަންގައި އޮތް ތަޅުދަނޑި ނަގައިގެން ރޫމް ހުޅުވަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ކޮޓަރި ދޮރު އެތެރެއިން ތަންޑު އަޅުވާފައި ހުރުމުން ނުހުޅުވުނެވެ.

ގެސްޓްހައުސް އަށް ފުލުހުން ވަނީ 9:30 ހާއިރު އެވެ. ކޮޓަރި ދޮރު ހުޅުވާތޯ ފުލުހުން ބައިގަޑިއިރެއްހާ އިރު މަޑުކޮށްފައި ދޮރު ނުހުޅުވުމުން ކޮޓަރި ތެރެއަށް ވަނީ ދޮރު ވައްޓާލައިގެންނެވެ. ފުލުހުން ކޮޓަރި ތެރެއަށް ވަން ގޮތަށް ޕެޕާ ސްޕްރޭ ޖެހި ކަމަށް ވެސް ބަސްގަރު ބުންޏެވެ.

"އަޅުގަނޑަށް ގޮދަޑި ކައިރިން ކުޑަކޮށް ލޭ ވެސް ފެނުނު. އެކަމަކު އެއީ ކިހިނެއް އައިސްފައި ހުރި ލޭ ކަމެއް ނޭނގޭ،" ފުލުހުން ދޮރު ހުޅުވުމާއެކު ފެނުނު މަންޒަރު ކިޔައިދެމުން ބަސްގަރު ބުންޏެވެ.

ފުލުހުން ހައްޔަރުކުރި ދެ މީހުން ގެސްޓްހައުސް އަށް ވަނީ އާދީއްތަ ދުވަހުގެ ރޭ 10:15 އިގައެވެ. ދެކުނަށް ނިސްބަތްވާ ރާއިފްގެ މަރުގެ ތުހުމަތުގައި ގެސްޓް ހައުސް އިން ފުލުހުން ހައްޔަރު ދެ މީހުންނަކީވެސް ރާއިފްގެ އެކުވެރިންނެވެ.