ބޭރު ކުޅިވަރު

ރޮނާލްޑޯ އާއި މެސީ އަށް ފަހު ޒިދާން ސަޕޯޓް ކުރަނީ ހަޒާޑަށް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީ އަށް ފަހު އޭނާ އެންމެ ބޮޑަށް ސަޕޯޓްކުރާ ކުޅުންތެރިއަކީ ޗެލްސީގެ އެޑެން ހަޒާޑް ކަމަށް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ރެއާލް މެޑްރިޑުގެ ޔޫތު ޓީމުގެ ކޯޗު އަދި އެކުލަބުގެ އެމްބެސެޑަރު ޒިދާން މިހެން ބުނިއިރު ހަޒާޑަކީ ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އަދި މިހާރު ޗެލްސީގައި ހަޒާޑަށް އެކަށީގެންވާ ގޮތަކަށް ނުކުޅެވިގެން އުޅެނީ ވެސް ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ހިޔާލު އޭނާ ގެންގުޅޭ ވަރުން ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

"މެސީ އާއި ރޮނާލްޑޯއަށް ފަހު އަހަރެން އެންމެ ސަޕޯޓްކުރާ ކުޅުންތެރިއަކީ ހަޒާޑް. އަހަރެން ލޯބިކުރަން އޭނާ ކުޅޭތަން ބަލަން. އޭނާ އަކީ މޮޅަށް ކުޅެ ހަމަލާތައް ކްރިއޭޓްކުރާ ކުޅުންތެރިއެއް،" ޒިދާން ބުންޏެވެ.

ރެއާލް މެޑްރިޑަށް ކުޅުންތެރިން ހޯދުމުގައި ޒިދާން އަކީ އިސް ދައުރެއް އަދާކުރާ ކުރާމީހެކެވެ. އަދި ހަޒާޑް ރެއާލްގައި ކުޅޭތަން ދެކެން ބޭނުންވޭތޯ އެހުމުން ފްރާންސަށް ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދިން ކުރީގެ ކެޕްޓަން އެ ސުވާލަށް ސީދާ ޖަވާބެއްދޭން ބޭނުމެއްނުވި އެވެ. އޭނާ ބުނީ އުމުރުން މިހާރު 24 އަހަރުގެ ބެލްޖިއަމްގެ މިޑްފީލްޑަރު ކުޅޭތަން ބަލަން އޭނާ ލޯބިކުރާ ކަމަށެވެ.

"އަހަންނަކީ އަދިވެސް އޭނާގެ ސަޕޯޓަރެއް. ކޮންމެ ކުޅުންތެރިއަކަށް ވެސް އަންނާނެ ކާމިޔާބު އަދި އުނދަގޫ ދުވަސްތައް ވެސް. އޭނާ އަލުން ކުރީގެ ކުޅުމަށް އަންނާނެ ކަމާމެދު އަހަރެން ޝައްކެއް ނުކުރަން،" މި ސީޒަނުގައި މިހާތަނަށް އެންމެ ގޯލެއް ޖެހިފައިވާ ކުޅުންތެރިޔާއާ ބެހޭ ގޮތުން ޒިދާން ބުންޏެވެ.

ހަޒާޑާ ބެހޭ ގޮތުން ޒިދާން މި ގޮތަށް ވާހަކަ ދެއްކިއިރު ރެއާލް މެޑްރިޑުން ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނަށް ވިއްކާލާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ވާހަކަ ދެކެވެން ފަށައިފަ އެވެ. އަދި ރޮނާލްޑޯގެ މަގާމަށް ރެއާލްއިން ގެންދަން ބޭނުންވާ އެއް ކުޅުންތެރިއަކީ ވެސް ހަޒާޑް ކަމަށްވެ އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ހަޒާޑް ވަނީ މައްސަލަޖެހިފަ އެވެ.