ހައްދުފަނައެޅުން

އަލި މަނިކަށް މައާފެއް ނުދެން: ރައީސް

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ ހއ. މޮޅަދޫ، އަބްދުﷲ އަލީ މަނިކު މީގެކުރިން ޖަލު ހުކުމެއްގައި ހުއްޓާ މައާފުދީ މިނިވަންކުރީ މިސަރުކާރުގައި ކަމަށް ބުނާ ވާހަކަތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދޮގުކުރައްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އަލި މަނިކަކީ އއ. ހިމަންދޫގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައިގެން ހައްޔަރުކޮށް ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހިމަންދޫން ހައްޔަރުކުރި ގިނަ މީހުން އެކި ސަރުކާރު ތަކުގައި ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އަލި މަނިކުގެ ރެކޯޑް މިސަރުކާރުން ބެލިއިރު އޭނާ ހުރި ޝަރުތުތަކާ އެކު ދޫކޮށްލާފައި ކަމަށެވެ. އޭނާ އަށް ކޮށްފައި އޮތް ހަމައެކަނި ޝަރުތަކީ ހިމަންދޫ އަށް ނުދިއުން ކަމަށާއި އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރީ ޝަރުތާ ހިލާފުވެ ހިމަންދޫ އަށް ދިއުމުން ކަމަށްވެސް ވިދާޅުވި އެވެ. އަދި އޭރު އޭނާ އަށް އިއްވާފައިވާ ބޮޑު ހުކުމްގައި ނުނިމި އޮތީ އަށް މަސް ދުވަސް ކަމަށާއި އަދި އިތުރު ދައުވާތަކެއްގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ. މިސަރުކާރުގައި ކުރި ކަމަކީ އަލި މަނިކުގެ ހުކުމްގައި ނުނިމި އޮތް އަށް މަސް ދުވަހުގެ ހުކުމް ތިން މަސް ދުވަހަށް ކުރުކޮށްދިނުން އެކަނި ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަލި މަނިކަށް ލުއި ދިނީ ވެސް ކަމާ ގުޅޭ އިދާރާތަކުގެ ލަފައާއި މަޝްވަރާ ހޯދުމަށްފަހު ކަމަށެވެ. އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިއްސާ ކުރި މައުލޫމާތުތަކުގައި އަލި މަނިކުގެ 17 އަހަރުން ދަށުގެ ގިނަ ކުދިން ބަލަން ތިބި ކަމަށާއި އޭނާ އަކީ މުޖުތަމައަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ މީހެއް ކަމަށް ބުނެފައި އޮތް ކަމަށެވެ.

"ލުއި ދިނީ އެ މައުލޫމާތަށް ވެސް ބަލާފައި،" ރައީސް ވިދާޅުވި އެވެ.

އަލި މަނިކު 2007 ވަނަ އަހަރު އެންމެ ފުރަތަމަ ހައްޔަރުކޮށް 10 އަހަރަށް ޖަލަށްލީ އޭނާ އިސްވެ ހުރެ ހިމަންދޫގައި ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހިންގި ހަމަނުޖެހުންތަކުގައި ކުށް ސާތިބުވެގެންނެވެ. އެކަމަކު ކުޑަދުވަސްކޮޅެއް ފަހުން ޖަލުން ފިލައިގެން ގޮސް ގދ. ތިނަދޫގައި އުޅެނިކޮށް އަތުލައިގަނެގެން ގެންނަނިކޮށް ނަމާދުކޮށްލަން ދިން ފުރުސަތެއްގައި ކަނޑަަށް ފުންމާލައިގެން ވެސް އަލި މަނިކު ފިލި އެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން އޭނާ އަތުލައިގަތީ ސިފަ ބަދަލުކޮށްގެން ތިލަފުށީގައި އުޅެމުން ދަނިކޮށެވެ.

އަލި މަނިކު ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި އަނެއްކާ ވެސް މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ އޭނާއަށް އިއްވާފައިވާ ހުރިހާ ހުކުމެއް ތަންފީޒުކޮށް ނިމި މިނިވަންވެފައި ހުއްޓަ އެވެ.