ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތުން ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ސިއްހީހާލުކޮޅު ގޯސްވީ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އޮތް ވަކީލުންގެ ބައްދަލުވުން ވެސް ކަރެކްޝަނަލް ސާވިސްއިން ކެންސަލްކުރި އެވެ. އޭގެފަހުން ރައީސް މައުމޫން މާފުށިން ޖަލުން ދޫނިދޫ ޖަލަށް ބަދަލުކުރުމަށްފަހު މިއަދު ހަވީރު އަނެއްކާވެސް ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.
އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި މިއަދު އިބޫ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް މައުމޫންއާމެދު އަމަލު ކުރަމުންދާ ގޮތުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށް ހާއްސަ ސަމާލު ކަމެއްދީ ވަގުތުން ގެއަށް ބަދަލު ކުރަން އިބޫ ވަނީ ގޮވާލައްވާފަ އެވެ.
މައުމޫން ދޫނިދުއަށް ގެންގޮސް، އެމަނިކުފާނާ މެދު ފުލުހުން އަމަލުކުރި ގޮތާ މެދު މައުމޫންގެ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ އިރު، އެމަނިކުފާނުގެ އާއިލާގެ ފަރާތުން މިއަދު ބުނީ، ބަލިހާލަތު ގޯސްވެފައި ވަނިކޮށް މައުމޫން އެއް ރަށުން އަނެއް ރަށަށް ލޯންޗްގައި ގެންދިޔުމަކީ އެމަނިކުފާނަށް އަނިޔާދިނުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިދިޔަ އީދު ދުވަހު އެމަނިކުފާނުގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އިތުރު ފަރުވާޔަށް މާލެއިން މާފުއްޓަށް ވަނީ ޑޮކްޓަރުންގެ ޓީމެއް ގެންގޮސްފަ އެވެ.
މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންދިޔައީ އެމަނިކުފާނު މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމަށް މާފުށީގެ ޑޮކްޓަރުން ލަފާދީފައި ވަނިކޮށް ކަމަށެވެ. އާއިލާއިން ބުނަނީ މިއަދު އަނެއްކާ މާފުށީ ޖަލަށް މައުމޫން ބަދަލު ކުރި އިރު އެމަނިކުފާނު ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
މައުމޫންގެ ހާލުކޮޅާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައެއް ނުވެ އެވެ.
މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފަ އެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެކުރިން ލަފާ ދީފައިވެ އެވެ. އަދި އިސްތަށިފުޅަށް ބުރަނުވާނެ ގޮތަށް އުޅުއްވުމަށް ވެސް އެމަނިކުފާނަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. ސިއްހީ ހާލަތު އެހެން ހުރުމުގެ ސަބަބުން މައުމޫން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއިން އެކި ފަހަރު ކޯޓްގައިވެސް އަދި ސަރުކާރުގައިވެސް އެދިފައިވެ އެވެ. އެހެން ނަމަވެސް، ކޯޓުން ވަނީ މައުމޫނުގެ ބަންދަށް ލުޔެއް ނުދޭން ނިންމައިފަ އެވެ.