ރާއްޖެ ކުޅިވަރު

އީގަލްސް – ބީޖީ ހަމަހަމަ

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި އީގަލްސް އާއި ބީޖީ ރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި މެޗު އެއްވަރުވުމުން ބީޖީ އަށް ވަނީ ޓޭބަލުގެ ހަ ވަނަ މަގާމު ލިބިފަ އެވެ. އެއީ ކުރިން ހަވަނާގައި އޮތް ވެލެންސިއާ ހަތް ވަނަ އަށް ވެއްޓުމުންނެވެ. ވެލެންސިއާ އާއި ބީޖީ އަށް ވެސް ލިބިފައިވަނީ 12 ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ ބީޖީ އަށެވެ. ވެލެންސިއާ އަށް ގެއްލުން ތިން ގޯލު އޮތްއިރު ބީޖީ އަށް ގެއްލުން އަދި ފައިދާ ގޯލެއް ވެސް ނެތެވެ.

އީގަލްސް އޮތީ 14 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.

ލީގުގެ ކުރީގައި އޮތީ 23 ޕޮއިންޓާއެކު ނިއު ރޭޑިއަންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ފަހަތުން ދެ ވަނާގައިވަނީ 21 ޕޮއިންޓާއެކު ޓީސީ އެވެ.

ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ބުރާސްފަތި އަދި ހުކުރުގަ އެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅޭނީ ޓީސީ އާއި ވެލެންސިއާ އެވެ. އެރޭ ކުޅޭނީ ނިއު އާއި ބީޖީ އެވެ. ހުކުރު ދުވަހު ހަވީރު ކުޅޭނީ އީގަލްސް އާއި ވިކްޓަރީ އެވެ. ހުކުރު ދުވަހުގެ ރޭ ކުޅޭނީ މަހިބަދޫ އާއި މާޒިޔާ އެވެ.