ޓޫރިޒަމް

ޗާޓަރުތަކުން 35،000 އަށްވުރެ ގިނަ ޓޫރިސްޓުން

ރާއްޖެއަށް މިހާރު ބާއްވާ ޗާޓަރު ފްލައިޓް ތަކުން މި އަހަރުގެ މިހާތަނަށް 35،000 އަށްވުރެ ގިނަ ޓޫރިސްޓުން ގެނެސްދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ނުވަ ޗާޓަރެއް އުދުހެ އެވެ. އަދި އެ ޗާޓަރު ތަކުން 380 ފްލައިޓް މޫވްމެންޓް ހަދައި 35,285 މީހުން އުފުލާދީފައި ވެއެވެ.

ރާއްޖެއަށް ޗާޓަރު ބާއްވާ އެއާލައިންތަކުގެ ތެރެއިން އެންމެ ގިނައި ފްލައިޓް ބާއްވަނީ ރަޝިއާ ރީޖަނުން އަންނަ އެއާ އަސްތާނާ އެވެ. އެ އެއާލައިނުން 148 ފްލައިޓް މޫވްމެންޓް ހަދައި 12,032 މީހުން އުފުލައި ދިނެވެ. ދެވަނަ އަށް އުޅެނީ މި ރީޖަނުން އަންނަ އަޒޫރު އެއާ އެވެ. އަޒޫރު އެއާ އިން ވަނީ 46 ފްލައިޓް މޫވްމެންޓުން މީހުން އުފުލާދީފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ފްލައިޓް އަޅާފައިވާ އެމިރޭޓްސް އިން 1,260 ފްލައިޓް މޫވްމެންޓް ހަދައި 104,612 މީހުން އުފުލައި ދިނެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ފްލައިޓް ބާއްވާ ގަތަރު އެއާވޭސް އިން 974 ފްލައިޓް މޫވްމެންޓް ހަދާފައިވާއިރު އެ އެއާލައިނުން 80,250 މީހުން އުފުލާދިނެވެ. ދެން އެންމެ ގިނައިން ފްލައިޓް ބާއްވަނީ އެއިރޯފްލޯޓް އެވެ. އެ އެއާލައިނުން މި އަހަރުގެ މިހާތަނަށް 450 ފްލައީޓް މޫވްމެންޓް ހަދައި 75,080 މީހުން އުފުލާދީފައި ވެއެވެ.

ރާއްޖެއަށް މިދިޔަ މަހުގެ ނިޔަލަށް 18 އެއާލައިނެއް ދަތުރު ކުރަމުންދާއިރު، މި އެއާލައިން ތަކުން މިހާތަނަށް 7,802 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ.