ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއް ފަހެއްގެ ހަމަލާ: ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު މިސްޓާ އައްބާސް ފާއިޒް މާލެ ވަޑައިގެންނެވީ ހުކުރު ދުވަހު ހެނދުނު ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ފާއިޒަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހާބާ ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޒު އަލީ ޒާހިރެވެ.

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒް އައްޔަންކުރައްވާފައި ވަނީ މޭ މަހުގެ 19 ވަނަ ދުވަހުގައެވެ.

ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވާނެ އެވެ. ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އައްބާސް ފާއިޒް ތައްޔާރުކުރައްވާނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މަޖިލީހުން ދަނީ ހަދަމުންނެވެ. އަދި ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިން މައުލޫމާތު ހާމަކޮށްފައިވާ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދު އަދިވެސް ދަނީ ޖަރުމަން ވިލާތުގައި ފަރުވާ ހޯއްދަވަމުން ނެވެ.