ލައިފްސްޓައިލް

މީހެއްގެ މަރު ސެޓްފިކެޓް ނަގަން އެމީހާއަށް ގުޅައިފި

އިންޑިޔާގެ މަހަރަޝްތުރާ ސްޓޭޓްގެ ތާނޭގައި ދިރިއުޅޭ މީހަކު ބުނާ ގޮތުގައި އެ ހިސާބުގެ ކަމާ ބެހޭ އިދާރާއަކުން އޭނާއަށް ގުޅާފައި އޭނާގެ މަރުގެ ސެޓްފިކެޓާ ހަވާލުވާން އެ ތަނަށް ދާން އެދިއްޖެ އެވެ.

ޗަންދުރަސޭކަރް ދެސާއީ އަކީ އޮގަސްޓް 2020 ގައި ކޮވިޑް-19 ޖެހުނު މީހެކެވެ. އަދި ބަލި ޖެހުމުން އޭނާގެ އަމިއްލަ ގޭގައި ހުރެ ދެސާއީ ވަނީ ފަސޭހަވެސް ވެފަ އެވެ. ކަރަންޓީނުގައި ހުރި މުއްދަތުގައި ވެސް ސިއްހީ އިދާރާތަކުން އޭނާއަށް ގުޅާ ހާލު އަހުވާލު ވެސް އޮޅުން ފިލުވި ކަމަށް ދެސާއީ ބުންޏެވެ.

ޓީޗަރެއްގެ ވަޒީފާ އަދާކުރާ ދެސާއީ ބަލިން ފަސޭހަ ވެގެން އާދައިގެ ދިރިއުޅުމެއް އުޅެމުން ދަނިކޮށް ކުއްލިއަކަށް މިދިޔަ އަންގާރަ ދުވަހު އޭނާއަށް އަންހެނަކު ފޯނު ކުރި އެވެ. އެމީހާ ދެސާއީ ކައިރީ ބުނީ އޭނާއަކީ ތާނޭ މުނިސިޕަލް ކޯޕަރޭޝަންގެ ހެލްތު ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މީހެއް ކަމަށެވެ. އެ އަންހެންމީހާ ދެސާއީ ކައިރީގައި ބުނި ކަމަށް ވަނީ އޭނާގެ ނަމުގައި ހަދާފައިވާ މަރުގެ ސެޓްފިކެޓް ބަލާ ދިއުމަށެވެ.

"އެ އަންހެންމީހާ އަހަންނަށް ފޯނުކޮށްފަ ބުނި ޓީއެމްސީން ބޭނުންވެއޭ ޗަންދުރަ ޝޭކަރް ދެސާއީގެ ނަމުގައި މަރުގެ ސެޓްފިކްޓް ހަދަން. އަހަރެން ބުނިން ތި ވާހަކަ ދައްކަނީ ޗަންދުރަޝޭކަރް ދެސާއީ އާއޭ. އެހެން ބުނީމަ އެ އަންހެންމީހާ އަށް ވެސް ލިބުނީ ޝޮކެއް. ދެން އެހީ އަހަރެންގެ އާއިލާގެ މީހަކު މިފަހުން މަރުވިތާ ނުވަތަ ކޮވިޑް-19 ޖެހުނުތޯ. އެހެން އަހާފަ އަވަސް އަވަހަށް ފޯނު ބާއްވައިފި،" ދެސާއީ ބުންޏެވެ.

އަންހެންމީހާ ފޯނު ބޭއްވުމުން ދެސާއީ ވަގުތުން ތާނޭގެ ޓީއެމްސީ ކޮވިޑް ވޯ ރޫމް އަށް ދިޔަ އެވެ. އަދި މިއީ ކިހިނެއްވީކަމެއްތޯ އޮޅުން ފިލުވަން ސުވާލުކުރި އެވެ. އެމީހުން މިހާރު ބުނަނީ އެއީ އޮޅިގެން ދިމާވި ކަމެއް ކަމަށެވެ.