އެމްޑީޕީ

ތަހުގީގަށް ބަލާފައި އިނާދު ވަކިކުރަން ނިންމައިފި

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ މެންބަރު މުހައްމަދު އިނާދު ގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބަލާ އޭނާ ޕާޓީން ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ފުލުހުން ބުނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ވަނަވަރު ހާމަކޮށްފައިނުވި ނަމަވެސް އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ.ރެސްޓިން ހައުސް މުހައްމަދު އިނާދުކަން ވަނީ ޔަގީންވެފައެވެ. އޭނާއަކީ 2019 ވަނަ އަހަރު މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަކުރި އެ ޕާޓީގެ މެންބަރެކެވެ.

އެމްޑީޕީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލާގައި އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާ އެއް ނޫން ކަމަށާ މިފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ އަދި މީހުންނަށާއި މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމުން ކުށްތަކަށް އަރައިގަންނަން އިންޒާރުދީ އަދި ހިއްވަރުދޭ މީހުންނާމެދު އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގާ ކުށްވެރީންނަށް ހައްގު އަދަބު ލިބިދިނުން މުހިއްމު ކަމަށްވެސް ބުނެފައިވެއެވެ.

"އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުހައްމަދު އިނާދު ގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބަލާ މުހައްމަދު އިނާދު މިޕާޓީން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.