ޓްވިޓާ އެކައުންޓެއް ހަދައި "މުސާ އަލީ ޖަލީލް" ގެ ނަމުގައި ސަރުކާރާއި ދައުލަތާ ދެކޮޅަށް ޓްވީޓް ކުރަނީ އެމަނިކުފާނު ނޫން ކަމަށް މަގާމުން ދުރު ކުރެވުނު ކުރީގެ ޑިފެންސް މިނިސްޓަރު މުސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
"އަވަސް" ގެ އިދާރާއަށް މިރޭ ގުޅުއްވައި އަމިލަފުޅަށް ދެއްވި ކުރު އިންޓަވިއުއެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ނޮވެމްބަރު ތިނެއްގެ އެއް ބަތޮލު ވިދާޅުވީ އެމަނިިކުފާނުގެ ނަމުގައި ސަރުކާރާއި ދައުލަތާ ދެކޮޅަށް ޓްވީޓް ކުރަނީ އެމަނިކުފާނަށް އެއްވެސް ވަރަކަށް އެނގިވަޑައިގަތުމަކާ ނުލައި ބަޔަކު ރާވައިގެން ކަމަށާއި އެކަމާ ވަރަށް ބޮޑަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.
"އަޅުގަނޑަކީ ޓްވިޓާ އާއި އެފަދަ އެހެން ވަސީލަތްތަކުގެ ބޭނުން ކުރާ މީހެއް ނޫން. އަދި އަޅުގަނޑަކީ ދައުލަތާ ދެކޮޅަށް ފިތުނަ އުފައްދާނެ މީހެއް ނޫން. އަޅުގަނޑުގެ ނަމުގައި [އެމަނިކުފާނު ބޭނުން ކުރައްވާ އަމިއްލަފުޅު]ޓްވިޓާ އެކައުންޓެއް ނޯންނާނެ. އެއީ އަޅުގަނޑު ބޭނުން ކުރާ އެއްޗެއް ނޫން،" ޖަލީލް ވިދާޅުވި އެވެ." އެ އަމަލު ހިނގާ ފަރާތްތަކުގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑަށްޓަކައި އަދި ދިވެހި ގައުމަށްޓަކައި އަޅުގަނޑުގެ ނަމުގައި އެފަދަ ފޭކް ޓްވީޓްތައް ނުކުރުމަށް. އެކަން ހުއްޓާލައި ދިނުމަށް،"
މޭޖަ ޖެނެރަލް ރިޓަޔާޑް، އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އެމަނިކުފާނު ވަޒީރު ކަމުގެ ހުވާ ކުރެއްވި ދުވަހުގެ ފޮޓޯއެއް ބޭނުންކޮށް ފޭކް ޓްވިޓާ އެކައުންޓެއް ހަދައިގެން ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އަދި ދިވެހި ސަރުކާރަށް ނިސްބަތްކޮށް އެކިކަހަލަ ޓްވީޓްތައް ކުރަމުންދާ ދިއުމާ މެދު ވަރަށް ކަންބޮޑުވެ ވަޑައިގަންންވާ ކަމަށާއި އެމަނިކުފާނަކީ ސަރުކާރާ ދެކޮޅު މީހެއް ނޫން ކަމަށެވެ.
ޖަލީލް މަގާމުން ދުރުކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓަރު ކަމުން ޖަލީލް ވަކި ކުރެއްވުމާ "ފިނިފެންމާ" ލޯންޗުގައި ދިން ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެމަނިކުފާނު މަގާމުން ވަކި ކުރެއްވީ ސިފައިންނަށް އެކަނި އޮންނަ ހަވާ އަރުވަން ބޭނުން ކުރާ ބަޑިބޭސް އެތެރެ ކުރުމުގެ ހުއްދަ އެމްއެމްޕީއާރްސީއަށް ދެއްވުމުން ކަމަށެވެ.