ބޮލީވުޑް

އަހަރެން ދިރިއުޅޭނެ ސަބަބު ނެތިއްޖެ: ސާއިރާ ބާނޫ

އޭނާގެ އެންމެ ލޯބިވާ "އަލިމަސް" މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު ދުނިޔެ ދޫކުރުމުން ސާއިރާ ބާނޫ ވަނީ ހިތާމައިން ގޮސް ހިތް ފަޅައިގެންދާވަރު ވެފަ އެވެ. އުމުރުން 98 އަހަރުގައި ދިލިޕް ކުމާރު މަރުވީ ބުދަ ދުވަހުގެ ހެނދުނު 8.30 ގައެވެ.

ދިލިޕްގެ ވަކިވުމުން ސާއިރާއަށް ތަހައްމަލު ނުކުރެވޭނެ ވޭނަކަށް ވެފައިވަނީ ދިލިޕް އާ ކައިވެނި ކޮށްގެން އޭނާ ހޭދަކުރި 55 އަހަރު އޭނާ ވަގުފުކުރީ ހަމައެކަނި ދިލިޕަށް ކަމަށް ވާތީ އެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއް ދިލިޕް އަށް ހުސްކޮށްލައިގެން ސާއިރާ ދިރިއުޅުނީ ދިލިޕް ދެކެ އެންމެ ކުޑައިރުއްސުރެ އޭނާ ވީ ލޯބީގެ ސަބަބުންނެވެ. އެންމެ ފަހު ނޭވާޔާ ހަމައަށް ވެސް ދިލިޕް އާއެކު އޭނާ ހުއްޓެވެ.

އާންމުކޮށް ކައިވެނީގެ ޕްރޮޕޯސަލަކީ ފިރިހެންމީހާ އަންހެންމީހާ އަށް ދޭ އެއްޗެކެވެ. ނަމަވެސް ސާއިރާ މިކަމުގައި ވެސް ތަފާތެވެ. ދިލިޕް ކުމާރަށް ޕްރޮޕޯސްކުރީ އޭނާ އެވެ. އަދި ސާއިރާ އާއި ދިލިޕް ކުމާރު ކައިވެނިކުރީ 11 އޮކްޓޯބަރު 1966 ގައެވެ. އެ ދެ މީހުން ވަރަށް އުފާވެރިކަމާއި ހަމަޖެހުމާއެކު 55 އަހަރު އެކުގައި ހޭދަކޮށްފައި ވެއެވެ.

ދިލިޕް މަރުވި ޚަބަރު ސާއިރާއަށް ޑޮކްޓަރުން ދިނުމާއެކު އޭނާގެ އަނގައިން ނުކުތީ އެންމެ ޖުމްލަ އެކެވެ. ސާއިރާ އަށް ބުނެވުނީ "އަހަރެންގެ ދިރިއުޅުމުގެ ސަބަބު ނެތިއްޖެ" ކަމަށެވެ. އަދި އިތުރަށް ދެން އޭނާއަށް އެހެން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ސާއިރާ އެދުނު ކަމަށް ވެއެވެ.

ދިލިޕަކީ ސާއިރާ އެންމެ ޅަ ދުވަހުއްސުރެ އެންމެ ލޯބިވި މީހާ އެވެ. އަދި އޭނާގެ ހަޔާތުގެ ހުރިހާ ދުވަހެއް ވަގުފުކުރީ ފިރިމީހާ އަށެވެ.

ދިލިޕް ކުމާރު ވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުމްބައިގެ ގަބުރުސްތާނެއްގައި ވަޅުލާފަ އެވެ.