އާސަންދަ

ބޭރުން އާސަންދަ ހޯދި މީހުންގެ އަދަދު 35 ޕަސެންޓް އިތުރުވެއްޖެ

ރާއްޖޭން ބޭރުން ހުސްނުވާ އާސަންދައިގެ ހިދުމަތް ހޯދި މީހުންގެ އަދަދު އަހަރު ދުވަހުގެ ތެރޭ 35 ޕަސެންޓް އިތުރުވެފައިވާ ކަމަށް އާސަންދަ ކުންފުނީގެ ހިސާބުތަކުން ދައްކައިފި އެވެ.

ގައުމީ ސިއްހީ ނިޒާމު ހިންގާ އާސަންދަ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގެ ނިޔަލަށް ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުން 4،807 މީހުން އާސަންދައިގެ ހިދުމަތް ހޯދާފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ނޮވެބަރު މަހާއި މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ބޭރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ހޯދާފައިވަނީ 6،487 މީހުންނެވެ. މިއީ ގާތްގަނޑަކަށް 35 ޕަސެންޓުގެ އިތުރުވުމެކެވެ.

މި މުއްދަތުގައި އިންޑިޔާ އާއި ސްރީލަންކާގެ ބޮޑެތި ހުރިހާ ހޮސްޕިޓަލްތަކަށް އާސަންދައިގެ ހިދުމަތް ވަނީ ދީފަ އެވެ. އެގޮތުން އާސަންދައިގެ ހިދުމަތް ރާއްޖޭން ބޭރުގެ 26 ހޮސްޕިޓަލަކުން މިހާރު ކަވަރު ކުރެ އެވެ.

މި އަހަރުވެސް ސަރުކާރުންވަނީ އާސަންދައިގެ ހިދުމަތައް 1.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފަ އެވެ.

ހިސާބުތައް ދައްކާ ގޮތުން 2013 އިން 2014 ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި އާސަންދައިގެ ހިދުމަތް 299،681 މީހުން ހޯދާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މި އަހަރުގެ ނޮވެމްބަރު 17 ގެ ނިޔަލަށް މި އަދަދު ވަނީ 316،131 އަށް އުފުލިގެން ގޮސްފަ އެވެ. މިއީ ގާތްގަނޑަކަށް ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

އާސަންދަ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އާސަންދަ ކަވަރުކުރާ 33 ކްލިނިކެއް މިހާރު އެބަ ހުއްޓެވެ. އަދި މުޅިރާއްޖޭގެ 235 ބޭސް ފިހާރައެއް ވެސް ވަނީ ގައުމީ ސިއްހީ ނިޒާމުގެ ތެރެއަށް ގެނެވިފަ އެވެ. އެގޮތުން މި ބޭސް ފިހާރަތަކުގައި ވިއްކާ 2،000 އަށްވުރެ ގިނަ ބޭސް ވަނީ އާސަންދަ ނިޒާމުގައި ރަޖިސްްޓްރީ ކޮށްފަ އެވެ.