ބޮލީވުޑް

ބޭބެއެއް ފަދަ ދިލިޕް ކުމާރު މަރުވުމުން ދަރުމެންދުރަ ހިތް ހަލާކުވެފައި

ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރަ އާއި ދިލިޕް ކުމާރުގެ ގުޅުމަކީ ވަރަށް ޒަމާންވީ ގާތް ގުޅުމެކެވެ. އެ ދެ މީހުންގެ ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކޮށްފައި ވަނީ އެއްބަނޑު އެއްބަފާ ދެބެންހާ ގާތް ކޮށެވެ. އަދި ދިލިޕްގެ އަންހެން ސާއިރާ ބާނޫ އާއި ދަރުމެންދުރަގެ ވެސް އޮންނަނީ ހަމަ އެހާ ގާތް އެއްބަނޑު އެއްބަފާ ގުޅުމެކެވެ. އެހެންކަމުން ޖުލައި ހަތް ވަނަ ދުވަސް ވެގެން ދިޔައީ ދަރުމެންދުރަގެ ހަޔާތުގައި ވެސް އައި އެންމެ ހިތާމަވެރި އެއް ދުވަހަށެވެ. އޭނާ އެންމެ ލޯބިވާ ބޭބެއެއް ފަދަ ގާތް ދިލިޕް ކުމާރު މި ދުނިޔެއަށް އަލްވަދާއު ކީ އެ ދުވަހު ކަމަށް ވާތީ އެވެ.

ދިލިޕްގެ ގޭގައި އޭނާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިޔައިރު ދަރުމެންދުރަ އަށް އެއްވެސް ހިފެހެއްޓުމެއް ނެތި ގިސްލާ ރޮވެމުން ދިޔަ މަންޒަރު ފެނިފައި ވަރަށް ގިނަ ބަޔެއްގެ ލޮލުން ކަރުނަ ހިލުނެވެ. އަދި ދިލިޕް އާއި ދަރުމެންދުރަގެ އޮތް ގާތްކަން އެ ދުވަހު ގިނަ ބަޔަކަށް އިހްސާސް ކުރެވުނު ވެސް މެއެވެ.

"އަހަރެންގެ ބޭބެ ދިލިޕް ކުމާރަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާންދޭވެ!" ދިލިޕް އާއި އޭނާގެ ފޮޓޯއަކާއެކު ދަރުމެންދުރަ ޝެއާކުރި މެސެޖެއްގައި ލިޔެފައި ވެއެވެ.

ދަރުމެންދުރަ ސޯޝަލް މިޑީއާގައި ޝެއާކުރި މެސެޖެއްގައި ލިޔެފައިވާ ގޮތުގައި އޭނާއަކީ ދެރަ ނުވާ ކަމަށް ހެދިގެން އުޅެވޭ ކަހަލަ ފޭކް އިންސާނެއް ނޫނެވެ. އެހެންވީމާ އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ނުވެގެން އުޅުނު މަންޒަރު އެ ދުވަހު ފެނުނީ އެވެ.

ދިލިޕް ކުމާރު ބަލިވެ އުޅެން ފެށީއްސުރެ ދަރުމެންދުރަ އަބަދުވެސް އޭނާއަށް ޒިޔާރަތްކޮށް ހާލު ބަލަމުން ގެންދެ އެވެ. އަދި ދަރުމެންދުރަގެ ހަގު އަނބި ހެމާ މާލިނީ ވެސް ބައެއް ފަހަރަށް އެ ގެއަށް ގޮސް އެމީހުންނާ ބައްދަލުކުރާ ކަމަށް ހެމާ ކުރި ޓުވީޓުގައި ބުނެފައި ވެއެވެ.

ދަރުމެންދުރަ، 85، އާއި ދިލިޕް އެކުގައި ދެ ތިން ފިލްމެއްގެ މަސައްކަތް ކުރި އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ބެންގާލީ ފިލްމު "ޕާރީ" އެވެ. އެ ފިލްމުގެ ހިންދީ ރިމޭކް "އަނޯކާ މިލަން" ގައި ވެސް ބައިވެރިވީ މި ދެ އެކްޓަރުންނެވެ.