ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ނިމިފައި އޮތް ތަހުގީގެއް އަލުން ކުރިއަށް ގެންދަން އުޅުނު ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ތަހުގީގުގެ މިއަދުގެ މަޖިލީހުން ތަނާޒުލުވެއްޖެ އެވެ.
ފުލުހުންގެ އިދާރާ އަށް މިދިޔަ ހޮނިހިރު ދުވަހުވެސް އަދި މިއަދުވެސް ރައީސް ޔާމީން ހާޒިރުކުރީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ބަޔަކަށް ކުއްޔަށް ދިނުމުގައި ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށެވެ.
ރައީސް ޔާމީންގެ ވަކީލުން ވިދާޅުވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިމި ދައުވާ ކުރަން ވަނީ ފޮނުވާފަ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށް ފުލުހުން މަސައްކަތް ކުރީ މީގެ ކުރިން ގާނޫނީ އިންޒާރުދީ ސުވާލުކޮށް، ބަޔާން ނަގައި ނިމިފައިވާ މައްސަލައެއްގައި އަނެއްކާވެސް އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނެގުމަށް ކަމަށެވެ.
އެގޮތަށް އަމަލުކުރަން އުޅުމުން އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކުމަށާއި، އަދި އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ދިނުމަށް އެދުމުން އެ ފުރުސަތު ފުލުހުން ދީފައި ނުވާ ކަންވެސް ޖަމީލް ފާހަގަކުރެއްވި އެވެ. އަދި ގަދަކަމުން ތަހުގީގު ކުރިއަށް ގެންދަން ފުލުހުން މަސައްކަތް ކުރުމުން މުވައްކިލުގެ ހައްގު ހިމާޔަތް ނުކުރެވޭތީ ރައީސް ޔާމީންގެ ވަކީލުން ވަނީ ތަހުގީގުގެ މިއަދުގެ މަޖިލީހުން ތަނާޒުލު ވެފައި ކަމުގައިވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރި ކަން ސާބިތުވެ އެމަނިކުފާނު މިވަގުތު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެކަމަކު ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.