އާސަންދަ

"ބޮޑު ފަރުވާއެއް ނުކުރެވި ދާން ޖެހިފައެއް ނޯންނާނެ"

  • އާސަންދައިން ބޭރުގެ 26 ހޮސްޕިޓަލަކުން ފަރުވާ ދެވޭ
  • މިދިޔަ އަހަރު 6،000 ގިނަ މީހުން ބޭރުން ފަރުވާކުރި
  • ބޮޑެތި ގިނަ ސާޖަރީތަކެއް ވެސް ކޮށްފައިވޭ

ހުސްނުވާ އާސަންދަ ލިބޭ ހެއްޔެވެ؟ އާސަންދަ ހިދުމަތާ މެދު ހިތްހަމަ ޖެހޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ދިނުމަކީ މި ހިދުމަތްދޭ ފަރާތްތަކުގެ ކަމެކެވެ. ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު ހިންގާ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫނު އަބްދުއްސަމަދު މިވަނީ މި ސުވާލަށް ޖަވާބު ދީފަ އެވެ. އޭނާ މިވާހަކަ ވިދާޅުވަނީ ޔަގީންކަމާއެކުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެންމެ މީހަކުވެސް ހުސްނުވާ އާސަންދަ ނުލިބިގެން ހުސްއަތާދާން ޖެހިފައެއް ނޯންނާނެ އެވެ. މިއީ އާސަންދަ ކުންފުނީގެ އެމްޑީގެ ޗެލެންޖެކެވެ.

"އަޅުގަނޑު ޗެލެންޖުކޮށްފައި މިބުނަނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައިފަހުން އެއްވެސް ބޭފުޅަކަށް. އަޅުގަނޑާ ޗެލެންޖު ކުރަން އަންނާށޭ އަޅުގަނޑު ދަންވާނީ. އެއްވެސް ބޭފުޅަކަށް ނޯންނާނެ ބޮޑު ސާޖަރީއެއް ނުކުރެވިގެން ދާން ޖެހިފައެއް. އެހެންނަމަވެސް ސާޖަރީ ކުރަން ނުޖެހޭ ހާލަތްތަކުގައި ރާއްޖޭން ކުރެވޭ ކަމެއް ކުރުމަށްޓަކައި ޑޮމިއުމެންޓް ފުރިހަމަ ނުވެގެން އެވާ ލަސްވުމެއް ބުނެވިދާނެ އާސަންދަ ކަމެއް ލަސްވިއޭ!،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދަ ހިންގުމާ ހަވާލުވުމަށްފަހު، ކުރިން ފޯމު ހުށަހަޅާތާ ހަތް ދުވަހު ތެރޭގައި ޖަވާބު ދެމުން ދިޔަ ނިޒާމު ބަދަލުކޮށް ހަ ގަޑިއިރު ތެރޭގައި ފޯމް ހުށަހަޅާ މީހުންނަށް ޖަވާބުދޭ ގޮތް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި މިހާރު މި ހިދުމަތް ދެމުން ގެންދަނީ "ވަކި ކުލައަކަށް" ބަލައިގެން ނޫންކަމަށް މައުމޫނު ވިދާޅުވި އެވެ.

"އަޅުގަނޑު ފޭސްބުކްގައި އެއްޗެއް ހުއްޓަސް، ނޫހުގައި އެއްޗެއް ހުއްޓަސް އެމީހަކަށް ގުޅަން. މި ދޭތެރެއިން ވީކަމަކީ ފޭސްބުކްގައި އިނީ ކުޑަ ކުއްޖެއްގެ ބޮލުގައި ޓިއުމަރެއް އިން ހަބަރެއް ފޭސްބުކްގައި. އެހެންވެ އަޅުގަނޑު ނަމްބަރު ހޯދައިގެން ގުޅައިފިން. އެއީ އެމްޑީޕީގެ ވަރަށް ހާޑްކޯ ބައެއް، ފުވައްމުލަކު ބައެެއް. އެމީހުން ބުނީ ބްރެއިން ސާޖަނީއަށް އަރަނީ 35،000 ޑޮލަރޭ. ބެންކޮކަށް ދާން ބަލައިފީމޭ،" މައުމޫނު ވިދާޅުވި އެވެ.

"އަޅުގަނޑު ބުނިން ބެންކޮކަށް ދިއުމުގެ ބޭނުމެއް ނެތޭ. މުޅި ދުނިޔޭގައި ވެސް ހުރީ ސައިބަ ނައިފް ފަސް މެޝިނޭ. އޭގެ ތެރެއިން ތިން މެޝިން ހުރީ އިންޑިއާގައޭ. އެހެންވެ އަޅުގަނޑުމެން ތިކަން ކޮށްދީފާނަމޭ. އެއީ 11 މަހުގެ ކުއްޖެއް. އަޅުގަނޑު ބުނިން ސަރުކާރު މިއޮތީ ތައްޔާރަށޭ. އެ އޮޕަރޭޝަން ގާތްގަނޑަކަށް 25،000 ޑޮލަރުން ކާމިޔާބުވީ. އެކަން ކުރީ ބެންގަލޫރުން. ޖެހިގެން އައި ހަފުތާ އެ އަންހެން މީހާ ވައިބާއިން މެސެޖު ކޮށްފަ ބުނީ އޮޕަރޭޝަން ކާމިޔާބޭ. އަޅުގަނޑު ވަރަށް އުފާވި."

އޭނާ ވިދާޅުވީ ބްރެއިން ޓިއުމަރެއް ވިއަސް ނޫނީ ކިޑްނީ ބަދަލު ކުރަން ކަމުގައިވިއަސް ހުސްނުވާ އާސަންދައިގެން އެކަން ކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހަމައެކަނި ނުވާމަކަކީ ޑޯނާއެއް ހޯދުން. އެކަމަކީ ހޮސްޕިޓަލްގެ ގާނޫނުން ބޭރުގައި މަނާ ކަމެއް. އެކަން ކުރަން ޖެހެނީ އެ އާއިލާއަކުން. ލިވާގަ ވެސް ވަނީ އެގޮތަށް. ލިވާ ވާގޮތަކީ ބައްޕަގެ އެތިކޮޅެއް ދަރިފުޅަށް ލައްވަން ޖެހެނީ. ބައެއް ފަހަރު އެ ބަހުރި ބޮޑު ހަރަދުކޮށްގެން ސާޖަރީއާ ހަމައަށް ގޮސްފަ ބިރުން ނުވެގެން ހުއްޓާލާފަވެސް،" މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުސްނުވާ އާސަންދައިން ރާއްޖޭން ބޭރުން ފަރުވާ ކުރުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ވެސް ބައެއް މީހުންނަށް ހަރަދު ކޮށްފައިވާނެ ކަމަށެވެ. އަދި އާސަންދައަކީ ހުރިހާ މީހުން ބަލައިގަންނަ ނިޒާމަކަށް ހަދައިދިނުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު ބަލާކަށް ބޭނުމެއް ނޫން ޕީޕީއެމް ނޫނީ އެމްޑީޕީގެ ޕޯޑިއަމްގައި ދައްކާ ވާހަކައެއް. ތިޔަ ބޭފުޅުން ނިކަން ވަކިވަކި ރަށްރަށަށް ގުޅާފައި އައްސަވާ ރައީސް އަބްދުﷲ ޔާމީންގެ ދެ އަހަރު ދުވަހުގެ ތެރޭގައި އާސަންދައިގެ ހިދުމަތް ކިހިނެއް ތޯ؟ ބުނާނީ ރަނގަޅޭ. މި ނޫން ގޮތަކަށް ގޮސްފިނަމަ އަޅުގަނޑު މިހުރީ މި މަގާމުން އިސްތިއުފާ ދޭން ވެސް ތައްޔާރަށް،" މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދައިގެ ހިދުމަތް މެދުވެރިކޮށް އަތޮޅުތަކުން ބަލި މީހުން އުފުލުމުގެ ހިދުމަތް ވެސް މިހާރު ހަރުދަނާކޮށްފައިވާނެ ކަމަށެވެ.

"ސީއެމްބިއުލާންސް ކުރިން މި އޮންނަނީ ނަމެއްގައި. ކަމެއް ދިމާވެގެން ގުޅާލުމުން މި ބުނަނީ ކަނޑު ގަދަ އޭ. ނޫނީ ކެޕްޓަންގެ ބޮލަށް ތަދުވަނީ އޭ. އެހެންވެ މިހާރު އެކަން ހަވާލު މިކުރީ ސިފައިންނާ. އެ ބޭފުޅުން އެކަން ބަރާބަރަށް ކޮށްދޭ،" މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދައިން ސްރީލަންކާ އާއި އިންޑިޔާގެ ބޮޑެތި ހުރިހާ ހޮސްޕިޓަލެއް ކަވަރު ކުރާނެ ކަމަށެވެ.

"އާސަންދައިން ފަރުވާގެ އިތުރުން ބޭހަށް ބޭރަށް ގޮސް އުޅެނިކޮށް މީހަކު ނިޔާވެއްޖެނަމަ ވެސް އާސަންދައިން މިހާރު ކަވަރު ކުރާނެ،" މައުމޫނު ވިދާޅުވި އެވެ.