އެސްއެމްއީ ބޭންކް

މީހެއްގެ ޒާތީ މައުލޫމާތެއް، ވައްކަމެއް ނުކުރޭ: އެސްޑީއެފްސީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮފީހުން އެއްވެސް މީހެއްގެ ޒާތީ މައުލޫމާތެއް ރޭގެ ވައްކަމުގައި ވަގަށް ނުނަގާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ރޭގެ ވަގުތެއްގައި އެސްޑީއެފްސީގެ ހެޑްއޮފީހަށް ވަދެ ވައްކަން ކުރުމަށް ބަޔަކު ވަނީ މަސައްކަތް ކޮށްފަ އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 8:56 ގަ އެވެ.

ރޭގެ ވައްކަމާ ގުޅިގެން އެސްޑީއެފްސީގެ ބައެއް ހަރު މުދަލަށް ގެއްލުންވެފައި ވެއެވެ. ނަމަވެސް އެއްވެސް ފައިސާއަކުން ނުވަތަ ލޯނު އެޕްލިކޭޝަނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ޒާތީ މައުލޫމާތާއި ލިޔެކިޔުން ތަކުން ވައްކަން ކޮށްފައި ނުވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ފުލުހުންނާއި ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށާއި ލޯނު އެޕްލިކޭޝަނާއި ގުޅިގެން އާންމު ފަރާތްތަކުން ހިއްސާކުރި މައުލޫމާތުތަކާއި ލިޔެކިޔުންތައް ރައްކާތެރިގޮތުގައި ބަލަހައްޓަމުން ގެންދާނެކަމުގެ ޔަގީންކަން އެސްޑީއެފްސީން ދެއެވެ.

ވައްކަމާ ގުޅޭ މައްސަލައިގެ އިތުރު ތަފްސީލު ތަހުގީގު ކުރިއަށްދާ ވަރަަކަށް ހިއްސާކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އެސްޑީއެފްސީގެ ވައްކަމުގެ މައްސަލައިގައި ފުލުހުންގެ ޓީމަކުން ގެންދަނީ މ. ކަނީރުވިލާގެ ދެވަނަ ފްލޯގައި ހިންގަމުން ގެންދާ އެ އޮފީސް ތެރޭގައި ހަރަކާތްތެރި ވަމުންނެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ލޯން ދޫކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. އޮފީސް ފަޅާލި މައްސަލާގައި އެސްޑީއެފްސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.