ފައްޔާޒް އިސްމާއީލް

ސީޕީ ޝުޖާއު އިސްތިއުފާ ދިނުމަށް ފައްޔާޒް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން ތަނެއް ދޮރެއް ބަލާނުލާ ފުލުހުން ކަންތައްކުރާތަން ފެނިގެންދާތީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.

ސީޕީގެ އިސްތިއުފާ އަށް ފައްޔާޒު ގޮވާލައްވާފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު ބީއެމްއެލް އިން އެ ބޭންކުގެ ރުފިޔާ އެކައުންޓުތަކުން ޑޮލަރު ބޭނުންނުކުރެވޭ ގޮތަށް އަދި ކްރެޑިޓް ކާޑުތަަކަށް ލިބޭ ޑޮލަރުގެ ލިމިޓް 100 ޑޮލަރަށް ދަށްކުރުމަށް ނިންމި ނިންމުމާ އެކު އެ ދުވަހު ބައެއް ފަރާތްތަކުން އަމަަލުކުރި ގޮތުން ބަޣާވާތެއްގެ ސިފަޖެހިފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާތީ އެވެ.

އެމްޑީޕީން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒު ދައުލަތުގެ ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ މުށުތެރެއަށް ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށާއި އެގޮތަށް ދިވެހި ފުލުހުންގެ އިދާރާ ދީލާލުމަކީ ފުލުހުންނަށް ލަދުވެތި ކަމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ނިމިގެން ދިޔަ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި އެންމެ ބޮޑަށް މަސައްކަތް ކުރީ ފުލުހުންނަށް ފުރިހަމަ މިނިވަންކަން ދީގެން ކަމަށެވެ.

"އެކަމަކު އިއްޔެ ފެނިގެން އެދިޔައީ ހަމަ އެންމެ ކަމަކުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގޮތަކަށް ތަނެއް ދޮރެއް ބަލާނުލާ ފުލުހުން ކަންކަން ކުރާ ތަން،" ބީއެމްއެލްގެ ނިންމުމަކީ "ބަޣާވާތެއް" ކަމަށް ބުނެ ފުލުހުން މައްސަލަ ބަލަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން ޕޮލިސް ކޮމިޝަނާ އިސްތިއުފާ ދެއްވަން ވެސް، ޕޮލިސް ބޮޑީގެ، ޕޮލިސް ސާވިސްގެ ހުރުމަތް ހިފެހެއްޓުމަށްޓަކައި އެ މަނިކުފާނު އިސްތިއުފާވެސް ދެއްވަން އެބަޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް އެ ބައެއްގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.