ބޭރު ކުޅިވަރު

މެސީ ފިޓްވުމަކީ ރެއާލް މެޑްރިޑަށް ގޯސް ހަބަރެއް: ޒިދާން

މާދަމާނޫން އަނެއް ދުވަހުގެ ރޭ ކުޅޭ އެލްކްލެސިކޯ މެޗުގައި ބާސެލޯނާގެ ތަރި ލަޔޮނަލް މެސީ ކުޅޭނެތީވެ އެކަމާ ރެއާލް މެޑްރިޑް ހިތްހަމަ ނުޖެހޭނެ ކަމަށް އެކުލަބުގެ އެމްބެސެޑަރު އަދި ޔޫތު ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

"އެންމެން ވެސް ބޭނުންވާނެ މެސީ ދަނޑުމަތީގައި ހުންނަންތަން ބަލަން. އެކަމަކު ރެއާލް މެޑްރިޑުގެ ޕޮއިންޓުން ބުނާނަމަ ބުނަން ޖެހޭނީ މެސީ ދަނޑުމަތިން ފެނުމަކީ ރަނގަޅު ހަބަރެއް ނޫނޭ،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ޒިދާން ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފަޔަށް ލިބުނު އަނިޔާ އަށް ފަހު މެސީ ފަރިތަކުރުންތަކަށް ނުކުތީ މީގެ ދެ ދުވަސްކުރިންނެވެ. ޒިދާން ބުނީ ކޮންމެ ޓީމަކުން އެ ޓީމުގައި މެސީ ފަދަ ކުޅުންތެރިއަކު ހުރުމަށް އެދޭނެ ކަމަށެވެ.

"މެސީ ބާސެލޯނާ އަށް ބޭނުންވޭހޭ؟ ހަރެން ބުންނަންޖެހެނީ ކޮންމެ ޓީމަކުން އެދޭނެއޭ އޭނާ ފަދަ ކުޅުންތެރިއަކު އެ ޓީމުގައި ހުރުމަށް. ވަކި ބާސެލޯނާއެއްނޫން،" ޒިދާން ބުންޏެވެ.

މި މެޗަށް ނުކުންނައިރު އަނިޔާގައި ތިބި ބާސެލޯނާ އާއި ރެއާލްގެ ކުޅުންތެރިން ވެސް ވަނީ އެކިގޮތްގޮތުން މެޗަށް ފިޓްވާން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.