މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންތަކެއްގެ ފަރާތުން ސިޓީތަކެއް ލިބުމާއި ގުޅިގެން އެއީ ސައްހަ ސިޓީތަކެއްތޯ ޔަގީންކުރަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކޯޓަށް ސިއްރު ހެކިންތަކެއްގެ ފަރާތުން ސިޓީތަކެއް ލިބިފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހެކިބަސް ނަގައި ނިންމާލުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ. އެދުވަހު ހެކިބަސް ނެގުމުގެ މަރުހަލާ ނިމުނު ނަމަވެސް ސިއްރު ހެކިންގެ ފަރާތުން ސިޓީތަކެއް ލިބުމާއި ގުޅިގެން އެމީހުން އަލުން ކޯޓަށް ހާޒިރުކޮށްގެން ސުވާލުކުރާނެ ކަމަށް ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވި އެވެ.
އެ ސިޓީތަކުގައި ވަނީ ކޮން ވާހަކަތަކެއްކަން ގާޒީ ހާމަކުރައްވާފައެއް ނުވެ އެވެ. ހަމައެކަނި ވިދާޅުވީ އެމީހުންގެ ފަރާތުން ކޯޓަށް ސިޓީތަކެއް ލިބިފައިވާކަން އެކަންޏެވެ.
ނަމަވެސް އެކަމަށް އިއުތުރާޒްކުރައްވައި ދައުލަތުގެ ވަކީލާ ފާތުމަތު މީޝާ ވިދާޅުވެފައި ވަނީ މީގެ ކުރިންވެސް ހެކިބަހާ ގުޅިގެން މާރާމާރީތަކެއް ހިންގާފައިވާ ކަމަށާއި ބައެއް ހެކިވެރިން ހެކިބަސް ދިނުމަށް އުޒުރުވެރިވި ކަމަށެވެ. އަދި އެމީހުން ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ އައިޑެންޓިޓީ ހާމަވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ. ދިފާއީ ވަކީލް ހުށަހެޅުއްވީ ފިރަތަމަ އެއީ މި މައްސަލައާއި ގުޅޭ ސިއްރު ހެކިންތަކެއްތޯއާއި އެމީހުންގެ ސޮޔާއި އިނގިލީގެ ނިޝާން ޔަގީންކުރުމަށް ފުލުހަށް ފޮނުވާށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މިކަމާ ގުޅިގެން ވާހަކަދައްކަން ދިން ފުރުސަތުގައި ދިފާއީ ވަކީލް ނޫރުލްއިސްލާމް ވިދާޅުވީ ފުލުހުން މެދުވެރިކޮށް ސިޓީގެ ސައްހަކަން ވެރިފައިކޮށް ރިޕޯޓެއް ހަދާނަމަ ބައެއްފަހަރު ހަމަސް އަދި 10 މަސްދުވަސް ނަގާ ކަމަށެވެ. އެހުރިހާ ދުވަހު ދައުވާލިބޭ މީހުން ބަންދުގައި ތިބުން އިންސާފުވެރި ނުވާނެ ކަމަށެވެ.
ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ގާޒީ ނިންމެވީ ފުލުހުން މެދުވެރިކޮށް އެ ސިޓީތަކުގެ ސައްހަކަން ކަށަވަރުކުރުމަށެވެ. އެހެންކަމުން ދައުލަތުން އެކަން ޔަގީންކުރުމަށްފަހު އަންނަ މަހުގެ 15 އިގެ ކުރިން ކޯޓަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. އެމުއްދަތުގައި ނުވެއްޖެނަމަ ފަހުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ކަމަށްވެސް ވިދާޅުވި އެވެ.
ޝަރީއަތުގެ އަޑުއެހުމުގައި ދެން ކުރިއަށް ދިޔައީ ވާރިސުންގެ ބަސްހޯދުމާ ގުޅޭ ގޮތުންނެވެ. ވާރިސުންގެ ބަސް ހޯދަނީ އަދަބު ކަނޑައަޅާ މަރުހަލާގަ އެވެ. އެގޮތުން ފުލުހުންގެ ފަރާތުން ހަތް ވާރިސުން ހިމެނޭ ލިސްޓެއް ފޮނުވާފައިވީ ނަމަވެސް އެއީ ސައްހަ ބައެއްކަން ޔަގީންނުވާ ކަމަށް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ. ގާޒީ ވިދާޅުވީ ވާރިސުންނާމެދު ފަހުން ގޮތެއް ކަނޑައަޅާނެ ކަމަށެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުން ގާޒީ ނިންމާލައިފައި ވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާ ދައުވާ ލިބޭ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވުމުންނެވެ.
މިމަހަށް ހަތަރު އަހަރު ފުރޭ މި މައްސަލައިގައި މިހާރު މިވަނީ ގާތްގަނޑަކަށް ހުކުމާ ހިސާބަށް އާދެވިފަ އެވެ. ނަމަވެސް ހުކުމާމެދު ގޮތެއް ނިންމޭނީ ސިއްރު ހެކިންގެ ސިޓީތައް ވެރިފައިކޮށް އަދި ވާރިސުންގެ ބަސް ވެސް ހޯދުމަށް ފަހުގަ އެވެ.
ނަދީމް މަރުވީ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.