ރާއްޖެ ކުޅިވަރު

ވެލެންސިއާ އަށް އަނިޔާގެ މައްސަލަ، ޖެރާޑް އެކްސިޑެންޓްވެއްޖެ

އުރޫދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ޓީސީއާ ދެކޮޅަށް ނުކުންނައިރު ވެލެންސިއާ އަށް އަނިޔާގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން މިއަދުގެ މެޗުގައި ވެލެންސިއާގެ ބަލްގޭރިޔާ ފޯވަޑް އެލެގެޒެންޑާ މިރްޗޭވް މިޓްކޯވަށް ނުކުޅެވޭނެ އެވެ. އަދި ސައިކަލް އެކްސިޑެންޓެއްވެ ކަނާތު ފައިކަފައިގެން ގޮސްފައިވާތީވެ މިޑްފީލްޑަރު އަހުމަދު ވިސާމް (ޖެރާޑް) އަށް ވެސް ނުކުޅެވޭނެ އެވެ.

މީގެ އިތުރުން ޑިފެންޑަރު މަޒްހަރު އަބުދުﷲ ވަނީ ނިއުރޭޑިއަންޓް އަތުން ވެލެންސިއާ މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އަތް އޮޕަރޭޝަންކޮށްފަ އެވެ.

މި މެޗަށް ނުކުންނައިރު ވެލެންސިއާ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ބީޖީ އަށް ވެސް 12 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން ވެލެންސިއާ އަށް ލިބެނީ ހަތް ވަނަ އެވެ. ޓީސީ އޮތީ ޓޭބަލުގެ ދެ ވަނާގަ އެވެ. އެ ޓީމަށް 21 ޕޮއިންޓް ލިބިފައިވެ އެވެ. އެއްވަނާގައިވަނީ 23 ޕޮއިންޓާއެކު ނިއު އެވެ. މިހެންވެ ނިއު ފަރަގު ބޮޑުކުރިޔަނުދޭން މި މެޗަކީ ޓީސީ އަށް ވެސް ވަރަށް މުހިންމު މެޗެކެވެ.