ބޮލީވުޑް

ސުރޭކާ މަރުވުމުން އަޔުޝްމާން ޖަޒުބާތީ ވެއްޖެ

އަޔުޝްމާން ކުރާނާގެ "ބަދާއީ ހޯ" ގައި އޭނާގެ މާމަގެ ރޯލު އަދާކުރި ސުރޭކާ ސިކްރީ މިދިޔަ ހުކުރު ދުވަހު ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ. އުމުރުން 75 އަހަރުގައި ސުރޭކާ މަރުވީ ހާޓް އެޓޭކެއް ޖެހިފަ އެވެ.

ތިން ފަހަރު ނެޝަނަލް އެވޯޑު ހޯދާފައިވާ ކުޅަދާނަ އެކްޓަރު ސުރޭކާ މަރުވުމާ ގުޅިގެން އަޔުޝްމާން ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސުރޭކާ އަކީ އެފަދަ ދެވަނަ އެއް ނެތް ވަރުގެ މޮޅު އެކްޓަރެއް ކަމަށެވެ.

"ކުޅޭ ކޮންމެ ފިލްމަކާއެކު އަހަރެމެންނަށް އާއިލާއެއް ބިނާ ކުރެވޭ. އެގޮތުން 'ބަދާއީ ހޯ' އިން ވެސް ވަރަށް ރީތި އާއިލާއެއް ބިނާ ކުރެވުނު. އެ ފިލްމުގައި ބައިވެރިވި ހަމަ ކޮންމެ އެކްޓަރަކު އޭނާ ކުޅުނު ކެރެކްޓާއަށް ވަރަށް ރަނގަޅަށް ފިޓްވި. އެ ފިލްމުގައި ސުރޭކާއަކީ އާއިލާގެ އެންމެ އިސްމީހާ. އާއިލާގެ އެހެން އެންމެންނަށް ވުރެ އޭނާގެ ޒިންމާ ވެސް ފިލްމުގައި ބޮޑު. އޭނާގެ މޮޅު ކަމުން ފިލްމު އެހާ މޮޅުވީ. އަދި އެނގޭތަ އަސްލު ދިރިއުޅުމުގައި ވެސް ސުރޭކާ އަކީ ހަމަ އެފަދަ މޮޅު މީހެއް. އުމުރުން ދުވަސްވެފައި ވިޔަސް ޒުވާން ހިތެއްގެ ވެރިއެއް. ވަރަށް ކޫލް އެހާމެ މަޖާ މީހެއް،" އަޔުޝްމާން ލިޔެފައި ވެއެވެ.

ސުރޭކާ އާއި އޭނާގެ ފަހުގެ ބައްދަލުވުމުގެ ވާހަކަތައް ވެސް އަޔުޝްމާން ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި ސުރޭކާ އާ އެންމެ ފަހުން ބައްދަލުވީ "ބަދާއީ ހޯ' ގެ ޕްރޭމިއާ ޝޯއަށް ފަހު ގެއަށް ދާން ނުކުތް ގަޑީގަ އެވެ. އުމުރުން އެހާ ދުވަސްވެފައި ހުރުމާއެކު ސުރޭކާ ބަލިކަށި ވެފައި ވިޔަސް އޭނާ ހުރިހާ ކަމެއް ވެސް ކުރަނީ މިނިވަން ކަމާއެކު އަމިއްލައަށް ކަމަށް އަޔުޝްމާން ބުންޏެވެ.

"އަހަރެމެން ނުކުތްއިރު ސުރޭކާ އޮޓޯ ރިކްޝާ އަކަށް އަރަން ތައްޔާރު ވަނީ. އަހަރެންގެ އަންހެނުން ތާހިރާ ގޮސް ސުރޭކާ ކައިރީ ބުނި މިރޭގެ އަސްލު ތަރިއަކީ ތިއީއޭ. އަންނާށޭ އަހަރެމެންގެ ކާރުގައި ގެޔަށް ލައިދީފާނަމޭ. އެ ރޭ އަހަރެމެން އޭނާ ގެޔާ ހަމައަށް ލައި ދިނުމުން މަޑުމަޑުން ކާރުން ފައިބައިގެން ދިޔަ މަންޒަރު އަދިވެސް ލޯ ކުރިމަތިން ފެންނަ ކަހަލަ. އެއީ އަހަރެމެންގެ ފަހުގެ ބައްދަލުވުން،" އަޔުޝްމާން ބުންޏެވެ.

"ބަދާއީ ހޯ" ގައި ސުރޭކާ ކުޅުނު އަޔުޝްމާންގެ މާމަގެ ރޯލަށް ބެސްޓް އެކްޓްރެސް އިން އަ ސަޕޯޓިން ރޯލުގެ ނެޝަނަލް އެވޯޑު އޭނާއަށް ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު އޮތް މި އެވޯޑު ހަފުލާއަށް ސުރޭކާ ގެންދިޔައީ ފުރޮޅުލީ ގޮނޑީގަ އެވެ.

ސުރޭކާ ވަނީ ވަރަށް ގިނަ ޓީވީ ޝޯތަކުގައި ވެސް މަންމަގެ ރޯލާއި މާމަގެ ރޯލު ކުޅެފަ އެވެ. އަދި ގިނަ ފިލްމުތަކެއްގައި ވެސް އޭނާ ބައިވެރިވެފައި ވެއެވެ. ނަމަވެސް އޭނާގެ ހުނަރާ އެއްވަރަށް ބޮލީވުޑުން އޭނާއަށް މަސައްކަތް ނުލިބޭ ކަމުގެ ޝަކުވާ މުޅި އުމުރަށް ވެސް ސުރޭކާ ކޮށްފައި ވެއެވެ.

ކަލާޒް ޓީވީން ދެއްކި ސިލްސިލާ "ބާލިކާ ވަދޫ"ގައި ދާދިސާގެ ރޯލު އަށް އަހަރު ވަންދެން ސުރޭކާ އެއްވެސް ވަރުބަލިކަމެއް ނެތި ކުޅެފައި ވެއެވެ.

ފާއިތުވީ އަހަރުތަކުގައި ދެ ފަހަރަށް ބްރެއިން ސްޓްރޯކް ޖެހި ސުރޭކާގެ ހަޔާތުގެ ފަހުގެ ދުވަސްތަކުގައި އުޅެފައިވަނީ ވަރަށް ބަލިކޮށެވެ.

ސުރޭކާ މަރުވުމުން ބޮލީވުޑާއި ޓީވީގެ ގިނަ އަދަދެއްގެ އެކްޓަރުން އެކަމާ ހިތާމަކޮށް ސޯޝަލް މީޑިއާގައި މެސެޖުތައް ދަނީ ޝެއާ ކުރަމުންނެވެ.