ދީނަށް ފުރައްސާރަ ކުރުން

"ދީނާ ދެކޮޅު ވާހަކަ ދައްކަންޏާވެސް ބަލާނެ"

އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ މީހުންގެ މައްސަލަތައް ނުބަލާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަ ވެސް އެހެނިހެން މައްސަލަތަކޭ އެއްފަދައިން ބަލައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"ވަކި މައްސަލައެއް ތަހުގީގު ކުރުމަށް ނުވަތަ ވަކި މައްސަލައެއް ތަހުގީގު ނުކުރުމަށް ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒެއް ނެތް" ފުލުހުންގެ އެ އޮފިޝަލް ވިދާޅުވި އެވެ.

އިސްލާމް ދީނަށް ފުރައްސާކުރާ މައްސަލަތަކުގައި މީގެ ކުރިން މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ. ނަމަަވެސް އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅި ކަމެއް އެނގިފައެއް ނެތެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ ވެރިންނަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.