މަރު

ރިސޯޓެއްގެ ޕޫލަށް އެރުނު ކުއްޖަކު މަރުވެއްޖެ

ރާއްޖޭގެ ރިސޯޓެއްގެ ސްވިމިން ޕޫލަކަށް އެރި އުޅުނު ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 7:56 ގައި ކަމަށެވެ.

ކުޑަކުއްޖާ މަރުވީ އާއިލާއާއެކު ޕޫލުގައި އުޅެނިކޮށް ދިމާވި ކަމެއްގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އެކަމަކު އޭގެ އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން އިތުރްށް ބުނީ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް ފ. ނިލަންދޫ ސިއްހީ މަރުކަޒަށް ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

އެ ހާދިސާގައި މަރުވީ ރަޝިއާއަށް ނިސްބަތްވާ ފަސް އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ މަރުވީ ގެބިގެން ކަމަށް ވެސް އެނގިފައި ވެއެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ވިލު ރީފް ރިސޯޓްގަ އެވެ.

ކުޑަކުއްޖާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ މާލޭގެ މޯޗަރީގަ އެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.