ރައީސް މުހައްމަދު ނަޝީދު

ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ތިބީ އައިއެސްއާ ގުޅުންހުރި ބައެއް: ރައީސް ނަޝީދު

މެއި ހައެއްގައި ދިން ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅުންހުރި ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހަމަލާއަށްފަހު ދެއްވި ފުރަތަމަ ޓީވީ އިންޓަވިއު، އިންޑިއާގެ ވިއޯން ޓީވީގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންނަކީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އަދި އެމީހުންނަކީ އައިއެސް އާއި ގުޅުން އޮންނަ ބައެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރިމޯޓެއް ބޭނުންކޮށްގެން މީގެ ކުރިން އެފަދަ ހަމަލާއެއް ރާއްޖޭގައި ދީފައި ނުވާ ކަމަށެވެ. ނަމަވެސް އައިއެސް ޖަމާއަތުން މީގެ ކުރިން ވެސް ރާއްޖޭގައި ނުރައްކާތެރި ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން އެފަދަ ހަމަލާތަކުގައި ތިން މީހަކު މަރާލައިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން މީހުން ސީރިއާ އާއި އެހެނިހެން ހަނގުރާމަވެރި ގައުމުތަކަށް ޖިހާދަށް ދާކަމަށާއި ނަމަވެސް ގިނަ ދިވެހިންނަކީ މިނިވަން ހިޔާލުގެ މީހުން ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ގާނޫނު އަސާސީ ތަސްދީގުކުރި ފަހުން ބޭއްވުނު ހުރިހާ އިންތިހާބެއްގެ ނަތީޖާތަކުން ވެސް ފެންނަން އޮތީ ރާއްޖެއަކީ މިނިވަން އަދި ހަރުކަށި ފިކުރަށް ޖާގަ ދޭނެ ގައުމެއް ނޫން ކަމަށެވެ. ހަރުކަށި ފިކުރުގެ އެއްވެސް މީހަކު އެއްވެސް އިންތިހާބެއް ރާއްޖޭގައި ކާމިޔާބުކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ ހަމަލާއާއި ގުޅިގެން މިހާރުވެސް ތަހުގީގު ކުރިއަށްދާ ކަމަށާއި ނަމަވެސް ހިތާމައަކީ ހަމަލާގެ އަޑީގައި ތިބި ބަޔަކު އަދިވެސް ހޯދިފައި ނުވުން ކަމަށެވެ. ހަމަލާއަށް ފަންޑު ކުރި މީހުން އަދިވެސް ހޯދިފައި ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވެ އެވެ.

ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރާ ގުޅުންހުރި މީހުން ކަމަށް މީގެކުރިން ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އެމީހުންނަކީ އައިއެސްއާ ގުޅުންހުރި ބައެއް ކަމަކަށް ދައުލަތުގެ އެއްވެސް އިދާރާ އަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރު ކުރި މީހުންނަކީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ. އޭގެ ފަހުން ފަސްވަނައަށް ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، އެވެ.