ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް އަމާޒުކުރި ހަމަލާ: ހަތަރު މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހަތަރު މީހަކަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފޮނުވައިފި އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށް އެ މީހުންގެ ވަނަވަރު އާންމުކުރިއެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.

ފަސްވަނަ މީހާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

ޕީޖީ ޝަމީމް މިއަދު ވިދާޅުވީ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދިފައިވާ ކަމަށެވެ. ދައުވާ ކުރުމާމެދު ގޮތް ނިންމަން ޕީޖީއަށް 15 ދުވަސް ލިބިވަޑައިގަންނަވާނެ އެވެ.

މެއި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 8 މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެކަކު ވަނީ ބަންދުން ވީއްލިފައެވެ.

މި މައްސަލަައާ ގުޅުންހުރި އިތުރު ތަފްސީލް މި މަހުގެ 24 ވަނަ ދުވަހު ފުލުހުންނާއި ޕީޖީ ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލްވުމުގައި ހާމަ ކުރާނެ ކަމަަށް ޝަމީމް ވިދާޅުވިއެވެ.