އިންޑިއާ

ޖީންސް ލާތީ އަނިޔާކުރި ކުއްޖަކު މަރުވެއްޖެ

އިންޑިޔާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ޑިއޯރިއާ ކިޔާ ސަރަހައްދެއްގައި ދިރިއުޅުނު 17 އަހަރުގެ އަންހެންކުއްޖަކު މަރާލައިފި އެވެ. މި އަންހެން ކުއްޖާގެ ކުށަކީ ޖީންސް ލާހިތް ވުމެވެ. ސޭވްރޭޖީ ކަރްޖް އަވަށުގައި ހިނގި މި ހާދިސާގައި މަރުވީ ނެހާ ޕަސްވަން ނަމަކަށް ކިޔާ ކުއްޖެކެވެ. ނެހާ އަށް އަނިޔާކުރީ އޭނާގެ އާއިލާގެ މެމްބަރުން ތަކެކެވެ.

އާއިލާގެ މީހުން މި ކުއްޖާއަށް އަނިޔާކުރީ ޖީންސް އާއި ޓޮޕް ލާތީ އެކަމާ އައި ރުޅީގަ އެވެ.

ނެހާގެ މަންމަ އާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުއްޖާ މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.
އަންހެންކުއްޖާގެ ކޮއްކޮ ވިވެކް ރިޕޯޓަރުން ކައިރީ ބުނި ގޮތުގައި ދައްތަ ޖީންސާއި ޓޮޕް ލާތީ ބޮޑުބޭބޭންނާއި ކާފަ އަބަދުވެސް ވަރަށް ރުޅިއައިސް އެއްޗެތި ގޮވާ ހަދަ އެވެ. އަދި ގޮތަށް ހެދުން ނޭޅުމަށް ވަރަށް ގިނަ ފަހަރު އޭނާގެ ދައްތައަށް އިންޒާރު ދީފައި ވެއެވެ.

މިހާރު މި ކުއްޖާގެ މަންމަ ވަނީ 10 މީހަކާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ. މި 10 މީހުންގެ ތެރޭގައި މަރުވި ކުއްޖާގެ ކާފަ ހިމެނެ އެވެ.

ނަމަވެސް ޖީންސް ލައިގެން ކުއްޖާއަށް މިހާ ބޮޑަށް އަނިޔާ ކޮށްފާނެ ކަމަކަށް ފުލުހުންނަށް ގަބޫލު ނުކުރެވޭ ކަމަށް ފުލުހުންގެ އޮފިޝަލުން ބުންޏެވެ. މިކަމުގައި އަޑި ނޭގޭ ކޮންމެވެސް އެހެން ކަމެއް އުޅޭކަމަށް ފުލުހުން ޝައްކު ކުރެ އެވެ.

ނަމަވެސް ކުއްޖާ ދިރިއުޅޭ އަވަށް ކަހަލަ ތަރައްގީ ނުވާ ހިސާބުތަކުގައި އަދިވެސް ޖީންސަކީ ވަރަށް ހުތުރު އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. މި އަވަށް ކަހަލަ ގިނަ އަވަށްތަކެއްގެ އިސް ވެރިން އެ އަވަށުގެ އަންހެނުންނަށް ޖީންސާއި ޓޮޕް ނުލުމަށާއި މޮބައިލް ފޯނު ނުގެންގުޅެން އަންގާފައި އޮވެ އެވެ. އަދި ބައެއް އަވަށްތަކުގައި އަންހެނުން ފިޔަވައި ފިރިހެނުން ވެސް ޖީންސް ލުން މަނާކޮށްފައި ވެއެވެ.