ރިޕޯޓް

ޖަނާ އިންޓަވިއުއިން އިންޑިޔާ މީހުން ނުލިޔާބައި

Jul 25, 2021
1

އިންޑިއާއި ރާއްޖޭގެ ގުޅުން އަބަދު ވެސް ބަދައްސެވެ. ވިޔަފާރީގެ ގުޅުމުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ ގެންނަ އެއް ގައުމަކީ އެއީ އެވެ. ފިޔާ އަލުވި ބިސް ގެނައުމުގައި ދިވެހިންގެ އަބަދު ވެސް ޕޮލިސީއަކީ އިންޑިއާ ފަސްޓެވެ. މިތަކެތި ގެންނަނީ އެ ގައުމުންނެވެ.

އެ ގައުމުގެ ވިޔަފާރިވެރިން އަބަދު ވެސް ރާއްޖެއައިސް ހިތުހުރި ގޮތަކަށް ވިޔަފާރިކޮށް އުޅުނެވެ. މިހާރު އެކަން އިންތިހާއަށް ބޮޑެވެ. ނަމަވެސް ދުވަހަކު ވެސް ދިވެއްސަކަށް އެ ގައުމުގައި ވިޔަފާރި ކުރަން "މަސް ރޮއްޓެއް" ގެ ފަޅިވަރެއްގެ ޖާގައެއް ވެސް ދީފައެއް ނެތެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އިހަށް ދުވަހު އިންޑިއާގެ މީޑިއާ ތަކަށް ދެއްވި ދިގު އިންޓަވިއުތަކުން އެ ގައުމު މީހުން ނުލިޔެ، އުނި ކުރި އެއް ބަޔަކީ އެއީ އެވެ.

"އިންޑިއާ މީހުން ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހައްގު އޮންނަ ގޮތަށް ދިވެހިންނަށް ވެސް އެ ގައުމަށް ގޮސް ވިޔަފާރި ކުރުމުގެ ހައްގު ވެސް އޮންނަންވާނެ. މި ހަމަހަމަ ފުރުސަތު އޮންނަން ވާނެ،" ރާއްޖޭގައި ހޯލްސޭލް ވިޔަފާރި ކުރާ ކުންފުންޏަކަށް އިންޑިއާގައި ވިޔަފާރި ނުކުރެވެންވީ ކީއްވެގެންތޯ ސުވާލު އުފައްދަވަމުން، ޖަނާ ވިދާޅުވެފައިވެ އެވެ.

ދިވެހިންނަށް ލިބެން ޖެހޭ ފުރުސަތުތަކާއި ހަމަހަމަކަން ބާއްވާފަ، އިންޑިއާ އިން އެހީވާ ވާހަކަ ދައްކާލުން ރަނގަޅެވެ. ރާއްޖެ އަށް ޖެހޭ ކޮންމެ ބޮޑު ކަމެއްގައި އެންމެ ފުރަތަމަ އެހީވަނީ އިންޑިއާ އެވެ. ހާއްސަކޮށް ކޮވިޑް-19 އިގެ ކާރިސާއާ ގުޅިގެން އެ ގައުމުންވީ އެހީތައް ފާހަގަ ކުރަން ޖެހެ އެވެ. ބޯޑަރު ހުޅުވުމާއެކު އެންމެ ފުރަތަމަ ޓޫރިސްޓުން ފޮނުވި އެއް ގައުމަކީ ވެސް އެއީ އެވެ. ދިވެހިންނަށް ވެކްސިން ވެސް ދިނެވެ. އެކަމަކު މި އެހީތަކުގެ އަނެއްފަޅި ބަލައިލުމުން ފެންނަ މަންޒަރު އިންޑިއާއިން ނުލިޔެ ދޫކޮށްލި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ މަގުން އުދުހެން ހެދި "ދަތުރު ކުރުމުގެ ބޮކީ" ގެތެރޭގައި ތިބެގެން އައި ގިނަ މީހުން އައީ ކަރަންޓީންވާ ށެވެ. އެ މީހުން ރާއްޖެ އައީ ބަލިން "ކްލީން" ވެގެން އެހެން ގައުމަކަށް މަސައްކަތު ދާށެވެ. އެހީގެ ވާހަކަ ދައްކާނަމަ ނަމްބަރުން އެހީގެ އަދަދު ކިތަންމެހާ ވެސް ބޮޑެވެ. އެކަމަކު މި ނަމްބަރުތަކުގެ "އެހީ" އާއެކު ދަރަނީގެ މަޅިވެސް ދިވެހިންގެ ކަރަށް އޮތީ މެހިފަ އެވެ. މަތިމަތިން ބަލާލި ނަމަވެސް އިންޑިއާ ދަރަނީގެ "މަޅި" އުޅެނީ ދެ ބިލިއަން ޑޮލަރުން މަތީގަ އެވެ. މިއީ ހަގީގަތެވެ.

ބޮޑެތި އެހީ ތަކެއް ދޭތަން ސުރުހީން ފެނުނަސް ހަމަލޮލަށް ފެންނަން ހުރީ މަގު ބައްތި ޖެހުމާއި ޑިންގީއެއް ގެނެދިނުމާއި ޖަލްސާ ކުރާ މާލަމެއް އަޅައިދިނުމާއި އައުޓްޑޯ ޖިމެއް ހަދައިދިނުން ފަދަ ކުދި "އެހީ" ތަކެވެ. މިއަށްވުރެ ގިނަ އެހީ ރާއްޖޭގެ ގައުމީ ބޭންކުގެ "ކޮމިއުނިޓީ ފަންޑުން" ވެސް ދިވެހިންނަށް މި ވޭތުވެދިޔަ ދެ އަހަރު ތެރޭ ދީފައި ވެއެވެ. ކޮންމެ ރަށަކުން އެކަން ފެނެ އެވެ.

ޖަނާގެ އިންޓަވިއު އިން އިންޑިއާ މީހުން ނުލިޔެ ފޮހެލާފައިވާ އަނެއް ބަޔަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމުގެ ވާހަކަ އެވެ. ދިވެހިން ގައުމުގައި ތިއްބައި އުތުރު ތިލަފަޅަށް މުޑިއެއްޖަހައި އިންޑިއާލައި ދިވެހިން ބަނދެލީމަ އޮންނާނީ ދެން ކޮން މިނިވަން ކަމެއް ހެއްޔެވެ؟ ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމުގެ ނަމުގައި ހަތަރު ބިތުގައި އިންޑިއާ ސިފައިން ތިބެވޭނެ "ޖަގަހަތައް" ހަދަމުންދާނަމަ ދެން އޮތީ ކޮން އުފަލެއް ހެއްޔެވެ؟