ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ތިބި މީހުން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް މިވަގުތު ހައްޔަރުކޮށްފައިވާ މީހުންނަށް ވިސްނައިދީ ނަސޭހަތްދިން ކަމަށް ތަހުގީގަށް ފާހަގަކުރެވުނު އެންމެ އިސް އެކަކު މިއަދު އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
"މީނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ހައްޔަރުކުރެވި ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ބަންދުން ދޫކޮށްފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ ރައީސް ނަޝީދުގެ ލޭ ހުއްދަ ކަމަށް ދެކި އެމަނިކުފާނު އަވަހާރަކޮށްލުމަށް 2019 ވަނަ އަހަރުން ފެށިގެން ރޭވުންތައް ރާއްވަމުން އައިސްފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން ހަމަލާ ދިނުމަށް އަމަލީ ގޮތުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މެއި ހައެއްގެ ހަމަލާއަކީ އެގޮތުން މަަސައްކަތް ކުރި ތިންވަނަ ފަހަރު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 640 ވުރެ ގިނަ މީހުންނާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި 228 މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އަދި އަމިއްލަ މީސްމީހުންގެ 109 ތަނެއްގެ ސީސީޓީވީ ފްޓޭޖް ތަހުގީގަށް ހޯދާފައިވާއިރު އެއީ 5،600 ގަޑިއިރުގެ ފްޓޭޖް ކަމަށެވެ. އެ ހުރިހާ ވީޑިއޯއެއް ވަނީ ދިރާސާ ކޮށްފައެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލެ ހިމެނޭހެން 190 ސަރަހައްދެއްގައި ހަރުކޮށްފައިވާ 372 ޕޮލިސްގެ ސީސީޓީވީ ޕްޓޭޖްވެސް ވަނީ ތަހުގީގަށް ހޯދާ ދިރާސާކޮށްފައެވެ. އެއީ 60،072 ގަޑިއިރުގެ ފްޓޭޖެވެ. އަދި މެއި ހައެއްގެ އޮޕަރޭޝަންގެ ތެރެއިން 103 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ. އަދި 830 ވުރެ ގިނަ މާއްދީ ހެކި ވަނީ ހޯދާފައެވެ.
ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވުން
ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
ސީޕީ ވިދާޅުވީ ތަހުގީގު ހޯދުން ތަކުން މި ހަތަރު މީހުންގެ ތެރެއިން އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައެވެ.
މި މީހުންގެ އިތުރުން މި ވަގުތު ބަންދުގައި ތިބި މީހުންގެ ވަނަވަރުވެސް ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ. އެއީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އާއި ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް އާއި އިސްހާގު އަދި އަލީ ހައިޝަމް،"
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް އާއި އިސްހާގު އަދި އަލީ ހައިޝަމްމުހައްމަދު ހަމީދު | ކޮމިޝަނަރު އޮފް ޕޮލިސް
އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އިސްހާގަކީވެސް މެއި ހައެއްގެ ޓެރަރިސް ހަމަލާ ރޭވުމުގައި އިސްކޮށް ހުރި މީހެއް ކަމަށާ އޭނާއަކީ ބޮން ގޮއްވާލި އަދުހަމް އެކަމަށް ތައްޔާރު ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރި މީހާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. މީގެ އިތުރުން ފަހުމީ އާއި ނާޒިމްވެސް ވަނީ ހަމަލާގައި ބައިވެރިވެފައެވެ.
"އަބްދުﷲ އަލި މަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް. މި ހަމަލާދިން އަހުމަދު އަދުހަމް ފިލުވުމާއި ހެކި ނަތާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ މައުލޫމާތު ތަހުގީގަށް ވަނީ ލިބިފައި. މުހައްމަދު ތަސްލީމަކީ ރައީސް ނަޝީދަކީ އިސްލާމް ދީނުން ބޭރުވެ މުރުތަދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ކަނޑައަޅާ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މި ސެލްގެ މީހުން ވައްދާ، ސެލްއެއްގެ ގޮތުގައި އޮޕަރޭޓް ކުރަންވީ ގޮތް ކިޔައިދީ އަދި އެކަމާއި ބެހޭ ވީޑިއޯ އާއި ފޮތްތައް މި މީހުންނަށް ދީ ހަދާފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.