ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާ ދިނީ ތިން ފަހަރު މަސައްކަތް ކޮށްގެން

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނީ ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެންމެ ފުރަތަމަ ހަމަލާ ދޭން މަސައްކަތްކޮށްފައި ވަނީ މިދިޔަ އަހަރު ކަމަށެވެ.

އެގޮތުން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް އައީޑީ ހަރުކޮށް ގޮއްވައިލި ސައިކަލަކީ 2019 ވަނަ އަހަރު ގަތް އެއްޗެއް ކަމަށާއި ފުރަތަމަ ހަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ މ. ޔާގޫތުގެ ކައިރީ ސައިކަލު ބަހައްޓައިގެން ކަމަށް ވިދާޅުވި އެވެ. ސައިކަލު އެތަނުގައި ބެހެއްޓުމަށްފަހު އޭގައި އައިއީޑީ ބަހައްޓައިގެން ހަތަރު ދުވަހެއްގެ މަތިން ގޮއްވާލަން މަސައްކަތްކުރި ކަމަށާއި ނަމަވެސް އެތަނުގައި ހަމަލާ ދޭން އުނދަގޫވެގެން ފަހުން އެތަނުން ސައިކަލު ނެގުމަށްފަހު އެ އައިއީޑީ ޑިސްޕޯސްކޮށްލި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އެމީހުން ތިބީ ޖާނުން ފިދާވެގެން ނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ދެވަނަ ފަހަރަށް އެމީހުން ރޭވީ ރައީސް ނަޝީދު ކަސްރަތަށް ވަޑައިގަންނަވާ ވަގުތު ހަމަލާ ދިނުމަށް ކަމަށެވެ. އެގޮތުން މެރީބްރައުން ކައިރީ އޮންނަ ޕާކިން ޒޯންގައި ސައިކަލު ބަހައްޓައިގެން ހަމަލާ ދޭން މަސައްކަތްކުރި ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް އެތަނުގައި ހަމަލާ ނުދޭން ނިންމީ އެމީހުން މަޝްވަރާތަކެއް ކުރުމަށްފަހު އެތަނުގައި އެންމެ އެކަށީގެންވާ ގޮތަށް އެކަން ނުކުރެވިދާނެ ކަމަށް ނިންމުމަށްފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އެއަށްފަހު ދެން އެމީހުން ނިންމީ ނީލޯފަރުގޯޅީގައި ސައިކަލު ބަހައްޓައިގެން އައިއީޑީ ގޮއްވައިލާށެވެ. ރިޔާޒު ވިދާޅުވީ އައިއީޑީ ތައްޔާރުކުރަން މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ މާޗްމަހުގެ ތެރޭގައި ކަމަށެވެ. އައިއީޑީ ހަރުކުރި ސައިކަލު މޭ ތިން ވަނަ ދުވަހު ހުޅުމާލޭގައި ހުރި ގަރާޖަކަށް ގެންގޮސްގެން ސާވިސްކުރި ކަމަށާއި ގަރާޖަށް ފައިސާ ދެއްކުމަށް ފައިސާގެ މުއާމަލާތްތައް ކުރި ގޮތް ވެސް ތަހުގީގަށް މިހާރު އެނގިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

އިތުރަށް ވިދާޅުވީ އެންމެ ފަހުގެ މަޝްވަރާތައް ކުރުމަށް މޭ މަހުގެ ހަތަރުވަނަ ދުވަހު އެމީހުން ބައްދަލުކޮށް މަޝްވަރާތައް ކުރި ކަމަށެވެ. އަދި އެކި މީހުންނަށް އެކި ޓާސްކްތައް ހަވާލުކޮށް ބްރީފިންއެއް ދިން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒް ވަނީ ހަމަލާގެ މޯޓިވް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވެ އެކަންކަން ވެސް ހިއްސާކުރައްވާފަ އެވެ.

"ހަމަލާގެ މޯޓިވްގެ ގޮތުގައި ފާހަގަވެފައި ވަނީ، ހަމަލާ ދިން މީހުން ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ، ހަމަލާ ދިން މީހުންގެ ވިސްނުމާއި ގަބޫލުކުރުންތަކަކީ ރައީސް ނަޝީދަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގފެ ލޭ ހުއްދަވެފައިވާކަމަށް ނިންމައިގެން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އެގޮތުގައި އެކި ތަންތަނުގައި ސިޔާސީ ގޮތުންނާއި ރަސްމީ ވާޖިބު އަދާކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ނިންމަވާފައިވާ ނިންމުންތަކާއި ދައްކަވާފައިވާ ވާހަކަތަކަށް ނިސްބަތްކޮށް އެމަނިކުފާނަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި، މަރާލަން ޖެހޭ މީހެއްކަމަށް ދެކި އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމީހުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެމީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި ދިވެހި ބިމާ ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން އެމީހުންނަކީ އައިއެސް ޖަމާއަތުގެ ފިކުރަށް ތާއީދުކުރާ ބައެއް ކަމަށާއި އެފިކުރު ރާއްޖޭގައި ފަތުރަށް މަސައްކަތްކުރާ ކަމަށް ވެސް ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

މި މީހުންގެ އިތުރުން މި ވަގުތު ބަންދުގައި ތިބި މީހުންގެ ވަނަވަރުވެސް ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ. އެއީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އާއި ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.