ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ތައުރީފް ކުރައްވައިފި އެވެ.
އަސްލަމް ފުލުހުންނަށް ތައުރީފް ކުރައްވާފައިވަނީ ހަމަލާއާއި ގުޅިގެން ކުރިއަށްދާ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމަލާއާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
މިވަގުތު ލަންކާގައި ހުންނެވި އަސްލަމް ވިދާޅުވީ ހަމަލާގެ އެންމެ ފުނަށް ފުލުހުންގެ ތަހުގީގުގައި ވާސިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ހައެއް މެއިގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ޕޮލިސް އިން ހޯއްދަވަމުން ގެންދަވާ ކުރިއެރިއެރުން ތަކަށް ތައުރީފުކުރަން. މި ތަހުގީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރަން،" ރައީސް ނަޝީދު އަދި ފުލުހުން ޓެގް ކުރައްވާ އަސްލަމް ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ ކުރިއަށް ގެންދިޔައީ އަސްލަމް އިސްކޮށް ހުންނަވައިގެން 241 ކޮމިޓީންނެވެ.
އެ ކޮމިޓީގައި އިންކުއަރީ ހިނގަމުން ދިޔަ ދުވަސްވަރު ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދެވީ ފުލުހުންގެ ތަހުގީގު ލަސްކަމާއި ހަމަލާއަށް ފަންޑް ކުރި މީހުން ނުހޯދޭ ކަމަށް ބުނެ ފުލުހުންނަށް ކެނޑިނޭޅި ފާޑުކިޔަމުންނެވެ. ނަމަވެސް އޭރުވެސް އަސްލަމް ގެންދެވީ ފުލުހުންގެ ތަހުގީގު ވަރަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރިއަށްދާ ކަމާއި ތަހުގީގު މައުލޫމާތު ފުލުހުން މަޖިލީހާއި ހިއްސާކުރަމުންދާ ކަމަށް ވިދާޅުވަމުންނެވެ. އަދި ފުލުހުންނަށް އެކަށީގެންވާ ވަގުތު ދިނުމަށް ވެސް އަސްލަމް އެދިވަޑައިގެންފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ ނިންމާ ރިޕޯޓްގެ ބައެއް ބައިތައް އާންމުކުރީ މި މަހުގެ އަށްވަނަ ދުވަހު އެވެ. އަދި އެއްވެސް ބައެއް އުނިނުކޮށް އޮތް ރިޕޯޓުގެ ކޮޕީ ދައުލަތުގެ ތިން ބާރުގެ ވެރިންނާ ހިއްސާކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގައި އިންކުއަރީ ކުރިއަށް ގެންދިޔަ ގޮތުގެ އިންތިޒާމުތައް ރަނގަޅު ކަމުންނާއި އަސްލަމް ގެންގުޅުއްވި ހިކުމަތްތެރި ގޮތްތައް ފާހަގަކޮށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މީގެކުރިން އަސްލަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައިވެ އެވެ.