އެފްއެސްއެމް

އެފްއެސްއެމްއަށް މި އަހަރު ހަތަރު ބާޖު ގެންނަނީ

ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށް ދިނުން ފުޅާ ކުރަން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް މި އަހަރު އާ ހަތަރު ބާޖު ގެންނާނެ ކަމަށް ބުނެފި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ތެޔޮ ސަޕްލައި ކުރާނެ އުޅަނދުތައް ނެތުމުން އެ ކުންފުންޏަށް ދަތިތަކާ ކުރިމަތިވާތީ އެ އުނދަގުލުން ސަލާމަތްވާން ހަތަރު ބާޖު ބަންނަން ހަވާލު ކޮށްފައިވާ ކަމަށާ، މި އުޅަނދުތައް މި އަހަރުގެ ފަހުކޮޅު ހިދުމަތަށް ނެރެވޭ ވަރުވާނެ ކަމަށެވެ.

"މިސްރުގެ ކުންފުންޏަކާ ހަވާލު ކޮށްގެން ބާޖުތައް ބަނުމުގެ މަސައްކަތް ކުރަނީ. ނަމަވެސް ޕެންޑެމިކާ ގުޅިގެން ލަސްވީ. މިހާރު އުންމީދު ކުރަނީ ސެޕްޓެމްބަރު އޮކްޓޫބަރު ހިސާބު ލިބޭނެ ކަމަށް. މި އުޅަނދުތައް ލިބުމުން ފްލީޓުގައި ހުރި ތާށިކަން ވެސް ކުޑަ ވެގެން ދާނެ،" ގަސަމް ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ އެ ކުންފުނީގެ މިހާރުގެ އަމާޒަކީ ތެޔޮ އަޅަން ޒަމާނީ ފެންވަރުގެ ޝެޑެއް މާލޭގައި ހެދުން ކަމަށާއި އެ މަސައްކަތް ތިން މަސް ތެރޭ ފެށޭނެ ކަމަށެވެ.

"އެކަމަށް އެޕްއެސްއެމް ބަޖެޓް ކޮށްގެން ދަނީ، ނަމަވެސް އެފަދަ ޒަމާނީ ޝެޑެއް އަަޅަން ބެލިއިރު ޝެޑާ ގުޅޭ ގޮތުން ހަދާފައި ހުރި ގަވައިދުތައް ތަނެއް ނުދޭ މިފަދަތަނެއް ހަދާކަށް. އެހެންވެ ފުރަތަމަ ޖެހުނީ އެމްއެންޑީއެފްއާ ވާހަކަ ދައްކައިގެން ގަވައިދު ބަދަލު ކުރަން،" ގަސަމް ވިދާޅުވި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ އެފްއެސްއެމްއަކީ 2000 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.