ރިޕޯޓް

މީދާކޭ އުނބުން ފައިސާ ނެރެންވެސް ގަމީރާ ދަނޭ!

އަސްލު ހިތްވަރު ގަދަ އަންހެނުންނަކީ މިއީ އެވެ؛ ކޮންމެ ކަމެއް ކުރަން ދިމާ ކުރިނަމަވެސް އެކަމެއް ކުރާނެ އެވެ. އެ ފަދަ އެއް މިސާލަކީ ގަމީރާ އާދަމް އެވެ. މިހާތަަނަށް އެންމެންގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ ދަނޑުވެރި އަންހެންގެ ގޮތުގަ އެވެ. ނަމަވެސް މި ފަހަރު އެހެން ގޮތަކަށެވެ. ބަލައިލަމާހެއްޔެވެ؟

ގަމީރާގެ މިހާރުގެ މަސައްކަތަކީ އޭނާ ދަނޑުވެރިކަން ކުރާ ރަށުގެ ރުއްތަކުން ފައިބާ މީދާކޭ ހުސް އުނބާއި ހުއްސާއި ކުރޮޅި ކާށީގައިގެ ބޭރުން ބޮނބިގަނުގައި ރީތި މަންޒަރު ކުރެއްސުމެވެ. ދިވެހި ޒުވާނަކު ލައްވާ އުނބުގައި ކުރައްސައިގެން ގަމީރާ ވަނީ "މީދާ ކޭ އުނބަކީ" ވެސް އެއްޗަކަށް ހަދައި ބާޒާރަށް ނެރެފަ އެވެ. ރުއް ދަށަށް ވެއްޓޭ ހުސް އުނބުން ވެސް ފައިސާ ނެރޭނެ ގޮތް ހޯދާފަ އެވެ.

"މިކަން ކުރަނީ ދިވެހި ކުއްޖަކު. އެކޮޅުގައި [ދަނޑުވެރިކަން ކުރާ ރަށުގައި] އެ ކުއްޖާ ބަހައްޓައިގެން އޭނާ މި މަސައްކަތް ކުރަނީ،" ބ. އަންހެނުން ފުށީގައި ފުޅާކޮށް ދަނޑު ހައްދާ ގަމީރާ ބުންޏެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ދަނޑުވެރިކަމުގެ ރަށް ކަމަށްވާ އއ. ތޮއްޑޫއަށް އުފަން ގަމީރާ މި މަސައްކަތް މިދަނީ ވައިގައި ހިފަމުންނެވެ. ދަނޑުވެރިކަމާއި މަސްވެރިކަމުގެ މައުރަޒުގައި އޭނާގެ މި އިސް ނެގުމުން ނުކުތް ހުނަރު ވަނީ ދައްކާލަން ބަހައްޓާފަ އެވެ. ދިވެހި ރުކުގެ ހުރިހާ އެއްޗެއްސަކީ ވެސް ފައިސާއޭ ބުނަނީ ތެދެއްކަން ގަމީރާ މި ދަނީ ސާބިތު ކޮށްދެމުންނެވެ. ހުސް އުނބާއި ހިކިފައި ހުންނަ ކާށީގައި ރީތި މަންޒަރުތައް ކުރަހައިގެން މިވަނީ ބާޒާރަށް ނެރެދީފައެވެ. އަދި މިތަކެތީގެ ޗާލުކަމުން ގިނަ ބަޔަކު އަޅައިގަނެވެ.

"މި މަސައްކަތް އަދި މިފެށީ. އެކަމަކު މިހާރު ވެސް މާލޭގެ ގެސްޓް ފިހާރަތަކުން އޯޑަރު ލިބޭ. ބައެއް ތަންތަނަށް މިހާރު ވެސް ކުރަހައި ދޭން ފަށައިފިން،" މަސައްކަތްތެރި އަންހެނުންނަށް ދޭ ރެހެންދި އެވޯޑާއި ގައުމީ އިނާމު ލިބިފައިވާ ގަމީރާ ބުންޏެވެ.

ގަމީރާއަކީ ފިސާރި އަންހެނެކެވެ. އޭނާ ބުނާ ގޮތުގައި ކޮންމެކަމެއްވެސް ހިތްވަރާއެކު ކޮށްފިނަމަ ކާމިޔާބުވާނެ އެވެ. އޭނާގެ ދަނޑުވެރިކަމުގެ ރަށް އަންހެން ފުށީގައި މިވަނީ ކުރެހުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. ރުއްތަކުން ފައިބާ އުނބުގައި ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ކުރަހައި އެއިން ވެސް ފައިސާ ނެރެން ފަށައިފި އެވެ. ރުއް ދަށަށް ފައިބާ އުނބުން ފައިސާ ނެރޭނެ ގޮތްވެސް ގަމީރާ މިވަނީ ހޯދާފަ އެވެ.

"ކޮންމެ ކަމެއްވެސް ޖެހޭނީ ހިތްވަރު ކުރަން އޭރުން މި ކާމިޔާބު ވާނީ،" ރާއްޖޭގެ ބައެއް ރިސޯޓު ތަކަށް ދަނޑުވެރިކަމުގެ ސާމާނު ސަޕްލައިކުރާ ގަމީރާ ޖަހާލީ ހިނިގަނޑެކެވެ.