ރިޕޯޓް

ދިވެހި އުފެއްދުންތައް ފިޔަޖަހަން ތައްޔާރުވަނީ

  • ރާއްޖޭގެ 70 އުފެއްދުމެއް ބާޒާރަށް ނެރެން ތައްޔާރުވެފައި
  • ދިވެހި ބައެއް އުފެއްދުންތައް ޑިއުޓީ ފްރީގައި މިހާރު ވިއްކަން ހުރޭ

ގަބޫލު ކުރަން ދަތިވިއަސް، ފޮޓޯ ތަކުން ތިޔަ ފެންނަނީ ދިވެހި އުފެއްދުންތަކެވެ. ދިވެހިންގެ މަސައްކަތެވެ. ދިވެހި ސިކުނޑިތަކުން ނުކުތް ހިޔާލުގެ ފޮނި މޭވާ އެވެ. ދިވެހިން މިދަނީ މަސައްކަތުގެ މާހައުލުގައި "ވާނެކަން" ސާބިތުކޮށްދެމުންނެވެ. މިއާއެކު ދިވެހި އުފެއްދުންތައް މިވަނީ ބާޒާރަށް ނެރެން ފަށާފަ އެވެ.

"ވަރަށް ގިނަ މަސައްކަތް މިހާރު އެބަކުރެވޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަންނަ އަހަރުގެ މާޗް ހިސާބު ގިނަ ބާވަތްތަކެއް ބާޒާރަށް ނެރެވޭނެ،" ޕޯލްޓްރީގެ މަސައްކަތާއި ދަނޑުވެރިކަމުގެ މަސައްކަތް ފަށާފައިވާ ފ.މަގޫދޫ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން މިގްދާދު އާދަމް ވިދާޅުވި އެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ބޭއްވި ފެއާއިން ވަނީ ދިވެހިންގެ އުފެއްދުންތެރިކަން ފެނިފަ އެވެ. އެ ތަނުން ފެނުނު ސާމާނަށް ބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ މުސްތަގުބަލު ރަނގަޅު ކަމަށް ބުނެވިދާނެ އެވެ. މި ބުނުމަށް ބާރުދޭ ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ ކުރިން ދިވެހި އަންހެނުން ބަދިގޭގައި ހަދާ ބައެއް ސާމާނު ރިސޯޓުތަކާއި ޑިއުޑީ ޕްރީއަށް ނެރެވޭ ވަރަށް ތަރައްގީ ކުރުމެވެ. ކުރިން ގޭގައި ތައްޔާރުކުރާ އަތުޖެހި އާއި ކުޅިރޮށި ފަދަ ތަކެތި ފުޅާކޮށް ވިޔަފާރިތަކެއް އުފެއްދުމެވެ. މިސާލަކީ ފުވައްމުލަކު "އަލަ" އެވެ. މި އުފެއްދުން މިހާރު މިވަނީ ޕެކެޓުގައި ބަންދު ކުރެވި ބާޒާރަށް ނެރެފަ އެވެ. ޒަމާނީ ބަދަލާއެކު "ޓާރޯ ޗިޕްސް"ގެ ނަމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަތަށް އަރާފަ އެވެ. އަދި ބައެއް ސާމާނު އެއާޕޯޓް ޑިއުޓީ ފްރީގައި ވެސް ވިއްކަން ފަށާފަ އެވެ.

ބައިނަލް އަގުވާމީ އެހީދޭ ޖަމިއްޔާތައް ކަމަށްވާ އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އެގްރިކަލްޗަރަލް ޑިވްލޮޕްމަންޓް (އިފާޑް) އާއި އދ. ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) ގެ އެހީތެރިކަމާއެކު ސަރުކާރުން ފަށާފައިވާ މި މަސައްކަތުން ރާއްޖޭގެ އެކި ހިސާބުގައި ހަ ކޯޕަރޭޓިވް އެއް އުފައްދާފަ އެވެ. މި ކޯޕަރޭޓިވްތަކުން 70 ވަރަކަށް އާ އުފެއްދުން މިވަނީ ބާޒާރަށް ނެރެން ތައްޔާރުވެފަ އެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހަރަކާތެރިވާ ކޯޕަރޭޓިވްތައް ވެސް ހިމެނެ އެވެ.

މަގޫދޫ ކޯޕަރޭޓިވްގެ ޗެއާމަން އިގްބާލް ވިދާޅުވި ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކުން ޕޯލްޓްރީއެއް ހަދައި، ކުޅުޅު ބިސް ބާޒާރަށް ނެރިފައިވާ ކަމަށެވެ.

"މިހާރު 605 ކުކުޅު ގެންގުޅެނީ. މީގެ ތެރެއިން 97 ޕަސެންޓް ކުކުޅުން ބިސް ލިބޭ. މިހާރު ހުރިހާ ބިހެއް ވިއްކާލެވޭ. ނަމަވެސް އުފެއްދޭ އަދަދު މަދުވީމަ އަދި މާބޮޑަށް މާކެޓު ނުކުރަނީ. އެހެންވެ މިހާރު އިތުރު ދެ ކޮށި އެޅުމުގެ މަސައްކަތް ފަށަނީ،" މިގްދާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ވެގެންދާނެ ކަމަށެވެ.

"މީގައި ދަތިތަކެއް އެބަހުރި އަދި. ނަމަވެސް އަޅުގަނޑުމެންގެ މަސައްކަތް ކުރަނީ ރާއްޖޭގައި ކުކުޅަށް ކާންދޭ ސާމާނު އުފައްދަން ފަށަން. އޭރުން އެކަންވެސް ހައްލު ވެގެންދާނެ،" މިގްދާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޯޕަރޭޓިވް އިން ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރުމަށް ދެ ގްރީން ހައުސް ހަދަމުންދާ ކަމަށެވެ.

"ދެ ގްރީން ހައުސް ނިމުމުން ދަނޑުވެރިކަމުގެ ގިނަ ސާމާނު އުފެއްދިގެން ދާނެ،" މިގްދާދު ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރާ ހަމައެކަނި ކޯޕަރޭޓިވް ކަމަށްވާ ގެމަނަފުށީ ކޮޕަރޭޓިވްގެ ޗެއާމަން އަހުމަދު ޝާފިއު ވިދާޅުވީ އެ ކޯޕަރޭޓިވް އިން ގިނަ އުފެއްދުންތަކެއް ބާޒާރަށް ނެރެފައިވާ ކަމަށެވެ.

"މަހުން އުފައްދާ ސާމާނު މައިގަނޑު ގޮތެއްގައި މި ހިމެނެނީ. މަސްވެރިން މަހަށް ގޮއްސަ ގެންނަ ބޯއްޖާއި ރެހިން ވެސް ޕްރޮޑަކްޓެއް އުފައްދައިފިން. ރިހާކުރު ވެސް ތިން ވައްތަރެއް ބާޒާރަށް ނެރެވިއްޖެ،" ޝާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި އުފެއްދުންތަކަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މަސައަކަތް ފުޅާ ވެގެންދާނެ ކަމަށެވެ.

"އައްޑޫގެ ފިހާރަތަކަށް ވެސް އިރާދަކުރެއްވިއްޔާ ނެރެވިއްޖެ. އެސްޓީއޯ އާއި މިފްކޯއާއެކު ވެސް މިވަނީ އެއްބަސްވުމެއް ހެދިފައި. އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް. ހަމަ ނުއުފެއްދިފައި އޮންނަނީ،" ޝާފިއު ވިދާޅުވި އެވެ.

މި ބާވަތްތަކުގެ ތެރޭގައި ހަމައެކަނި ހުރީ ކުކުޅު ބިހާއި ދަނޑުވެރިކަމުގެ ސާމާނު އެކަންޏެއް ނޫނެވެ. ރާއްޖޭގެ ރުކުގެ ކާށިން އުފައްދާ ތެޔޮ ވެސް މިވަނީ މަޝްހޫރު ބްރޭންޑަކަށް ހަދާފަ އެވެ. "ކާށިތެޔޮ" ބްރޭންޑެއްގެ ގޮތުގައި ވަނީ ދުނިޔޭގެ ބާޒާރަށް ނެރެފަ އެވެ. މި އުފެއްދުންތަކުގެ ތެރޭގައި ސަން ލޯޝަނާއި ސްޕާ އޮއިލް ހިމެނެ އެވެ. މި ސާމާނު ވެގެން ގޮސްފައިވަނީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމަށް ނެރެވުނު ރާއްޖޭގެ ލަގްޒަރީ އުފެއްދުމަށެވެ.

އުފެއްދުންތެރިކަމަށް ގިނަ ހުރަސްތަކެއް؟

ރާއްޖެ އުފެއްދުންތެރިން އިތުރުވާކަމުގެ ހެކިތައް ފެންނަމުން ދިޔަ ނަމަވެސް މިކަމުގައި ގިނަ ގޮންޖެހުންތަކެއް މަސައްކަތްތެރިނަށް އެބަހުއްޓެވެ. މިގޮތުން ގާނޫނީ ގޮތުންވެސް ގިނަ ހުރަސްތަކެއް އެބަ ހުއްޓެވެ. އަދި މީހުންގެ ވިސްނުން ވެސް މިވަނީ ބަދަލު ކުރަން ޖެހެ އެވެ. ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނު އިސްލާހު ކުރަން ޖެހެ އެވެ. އަދި ދިވެހި އުފެއްދުންތައް ތައްޔާރުކުރަން ބޭނުންވާ ސާމާނުން ޑިއުޓީގެ އިނާޔަތްތަކެއް ވެސް ލިބެން ޖެހެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުންތަކަށް އެހީވުމަށް އިކޮނޮމިކް މިނިސްޓްރީގައި އުފައްދާފައިވާ އެންޓަޕްރައިސް ޑިވްލޮޕްމަންޓުން ވަނީ މި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ފަށާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރުކުރާ ސާމާނު ބެލުމުގެ މަސައްކަތް ވެސް ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް ވަނީ ފަށާފަ އެވެ.

އީޑީގެ ކެޕޭސިޓީ ބިލްޑިން އެންޑް ވެލިއުޗެއިން ސްޕެޝަލިސްޓް އަހުމަދު މުންތާޒު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތައް ޕެކް ކުރަން އެތެރެކުރާ ސާމާނުން ބޮޑު ޑިއުޓީއެއް ނެގުމަކީ މައްސަލައެއް ކަމަށާއި އެކަން ހުއްޓުވަން ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"ރާއްޖެއަށް ފާޑުފާޑުގެ ޕެކެޓު އެތެރެކުރާއިރު މީގެން ނަގަނީ ކުޑަ ޑިއުޓީއެއް. އެހެންނަމަވެސް ލޯކަ؛ް ޕްރޮޑަކްޓެއް ޕެކްކުރަން އެތެރެކުރާ އެއްޗިހިން ޑިއުޓީ ބޮޑު. އެހެންވެ އެ މަސައްކަތް މި ކުރަނީ،" މުންތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި އުފެއްދުންތެރިކަން އިތުރު ކުރަން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެމުންދާ ކަމަށެވެ.

"ލޯނު ސްކީމްތަކުގައި ވެސް ބޮޑު ފޯކަސްއަކީ އުފެއްދުންތެރިކަން އިތުރު ކުރުން. އެހެންވެ މެޝީނަރީއާއި ޕެކިން މެޓީރިއަލް ފަދަ ތަކެތީގެ ޑިއުޓީ ކުޑަކުރަން ވަރަށް ބޮޑަށް އިސްކަން ދޭނަން،" މުންތާޒު ވިދާޅުވި އެވެ.

ދިވެހި އުފެއްދުންތެރިންނަށް މިހާރަށް ވުރެ ބޮޑަށް އެހީ ބޭނުންވެ އެވެ. ބޭނުންވަނީ ހަމައެކަނި ފަންނީ އެހީ އެކަންޏެއްނޫނެވެ. މާލީ ގޮތުން ވެސް އެހީތެރިކަން ބޭނުންވެ އެވެ. މި އެހީތެރިކަން ދޭނަމަ މާގިނަ ދުވަހެއް ނުވެ ދިވެހި އުފެއްދުންތެރިކަން މެދު އުޑުގައި ފިޔަޖަހަށް ފަށާފާނެ އެވެ.