ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް މަސައްކަތް ކުރި އަލީ ހައިޝަމްގެ ތަހުގީގު ނިންމައިލުމަށްފަހު އޭނާގެ މަށްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހައެއް ފަހެއްގެ ހަމަލާއާ ގުޅިގެން ހަށްޔަރުކުރި އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިއަދު ޕީޖީ އަށް ފުލުހުން ފޮނުވާފައިވާ ކަމަށެވެ.
ހައިޝަމްގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތް ނިންމަން ޕީޖީއަށް 15 ދުވަސް ލިބޭނެ އެވެ. އަންނަ ހަފްތާގެ ފަހު ކޮޅު އޭނާ އާ މެދުގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން 10 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މި މީހުންނާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވި އެވެ.
މީގެ އިތުރުން މި ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
ފުލުހުން އެންމެ ފަހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް އާއި އިސްހާގު އަދި އަލީ ހައިޝަމް އެވެ. އަދި އަލީ ހައިޝަމް އަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށެވެ.