ގެސްޓް ހައުސް ވިޔަފާރި

އެތެރެވެ، ގެސްޓްހައުސްއަށް ނުދެވޭ ޝަކުވާ

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް ރާއްޖެ އެތެރެވީ ބައެއް ޓޫރިސްޓުން ގެސްޓްހައުސް އަށް ނުދެވި ޝަކުވާ ފުނިޖެހިއްޖެ އެވެ.

ކޮވިޑް-19 ގެ ދެވަނަ ރާޅެއް އުފެދުމާއެކު ބަލިން ރާއްކާތެރިވާން ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް ރަށްރަށަށް ގެސްޓުން ދިއުމަށް ހާއްސަ ގައިޑްލައިންތަކެއް ވަނީ ހަދާފަ އެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކޮށް އަންނަ ޓޫރިސްޓުން ވެސް ހާއްސަ ޝަރުތުތަކެއް ހަމަވާނަމަ ގެސްޓްހައުސްތަކުގައި ތިބެވޭނެ ގޮތް ވަނީ ހަމަ ޖައްސާފަ އެވެ.

ގެސްޓްހައުސްތަކަށް އާދެވޭނެ ހާލަތްތައް

  • ރަށުގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުން
  • ރަށުގައި ޓޫރިސްޓުންނަށް ހިދުމަތްދޭން މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް 95 ޕަސެންޓް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުުރުން
  • ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން
  • ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަވެފައިވާ ކަމަށް ބަލާނީ ވެކްސިން ޖަހަން ޖެހޭ ޑޯޒްތައް ފުރިހަމަވުމަށްފަހު 14 ދުވަސް ވުމުން

މީގެ އިތުރުން ކުރިން ރާއްޖެ އެތެރެވެ ވޭނީ 72 ގަޑިއިރަށްވުރެ ގިނައިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓަކާ އެކީކަމަށް އޮތް އޮތުން ވަނީ 96 ގަޑިއިރަށް އިތުރުކޮށް ލުއި ދީފަ އެވެ.

ނަމަވެސް މި ގައިޑްލައިން މިގޮތަށް އޮތް ނަމަވެސް މި އުސޫލުން އައި ގިނަ އަދަދެއްގެ ޓޫރިސްޓުނަށް ވަނީ ގެސްޓްހައުސްތަކަށް ނުދެވި ގައުމަށް ނުވަތަ ކޮންމެވެސް ރިސޯޓަކަށް ދަތުރު ބަދަލު ކުރަން މަޖުބޫރުވެފަ އެވެ. މިގޮތުން އއ. އުކުޅަހާއި ރާއްޖޭގެ އެންމެ ގިނައިން ގެސްޓްހައުސް ހުރި ކ. މާފުށީގެ ގިނަ އަދަދެއްގެ ގެސްޓުން ވަނީ ތާށިވެފަ އެވެ.

މާފުށީގައި އެންމެ ފުޅާކޮށް ގެސްޓްހައުސް- ހޮޓާ ހިންގާ ކާނި ކުންފުނީގެ ސީއީއޯ އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި އެ ގެސްޓްހައުސް އަށް އިއްޔެ އައި 10 މީހަކަށް އެތެރެ ނުވެވުނުއިރު އެހެން ގެސްޓްހައުސްތަކަަށް ވެސް މި މައްސަލަ ދިމާވެފައިވާ ކަމަށެވެ- އަދި މިއީ ވަރަށް ދެރަކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް 40 މީހުން އެބައާދެ. މި މީހުންނަށް ވެސް އެތެރެވެވޭނެ ކަމުގެ ޔަގީންކަމެއް ނެތް. އެކަމަކު ގައިޑްލައިންގައި ބުނާ ހުރިހާ ޝަރުތުތަކެއް މާފުށި ވަނީ ހަމަކޮށްފަ،" ނާޝިދު ވިދާޅުވި އެވެ.

މާފުށީ ކައުންސިލުގެ ރައީސް ސޮއިކުރައްވައި ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އެ ރަށުގެ އާބާދީގެ 90 ޕަސެންޓް ވަނީ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފަ އެވެ. އަދި އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތްދޭ 98 ޕަސެންޓް މުވައްޒަފުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި އެ ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ 100 ޕަސެންޓް މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

ކާނި ކުންފުނީން ވާހަކަ ދެއްކެވި އަބްދުﷲ އިތުރަށް ވިދާޅުވީ މި އުސޫލު މިގޮތަށް އޮތުމާއެކު އެރަށުގެ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ދިއުމުގައި ހުރަހެއް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

"މި ހުއްދަ ނުލިބިގެން އުޅެނީ އިދާރީ މައްސަލައެއްގެ ސަބަބުން ކަމަށް އެނގިފައިވަނީ. އިމިގްރޭޝަނުން ވިދާޅުވަނީ އެޗްޕީއޭއިން އަންގާފައި ނެތް ނަމަވެސް. ހަމައެކަނި ހުއްދައެއް ފޮނުވާ ނުލެވިގެން ޖެހިގެން އުޅޭ މައްސަލައެއް މިއީ. ރާއްޖެ އެތެރެވި ގެސްޓުން މިކަމުގެ ސަބަބުން ގެސްޓްހައުސްތަކަށް ނުދެވި ގައުމަށް އެނބުރިދާން ނޫނީ ރިސޯޓަކަށް ބުކިން ހައްދައިގެން ދާން މި ޖެހެނީ.- މިހާރު މި ފެންނަނީ ދައުލަތެއްގެ ގޮތުގައި އެޗްޕީއޭ ހިންގާތަން،" އަބްދުﷲ ވިދާޅުވި އެވެ.