މިއީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ، މ. ފާރޮށިގޭގައި ހަރުކޮށްފައި ހުރި ލިފްޓްގައި ހިނގި ނުރައްކާތެރި ހާދިސާގެ ހަބަރުތައް އައިސްފައިވާ ގޮތެވެ. ފުރަތަމަ އެ ސުރުހީތަކާމެދު ވިސްނާލާށެވެ.
"ލިފްޓް ގޮޅިއަކުން ވެއްޓި، ބޮޑު އަނިޔާއެއް ނުވެ ސަލާމަތް ވެއްޖެ"
"ލިފްޓް ގޮޅިއެއްގެ ތެރެއަށް މީހަކު ވެއްޓިއްޖެ"
"މާލޭގައި ލިފްޓް ގޮޅިއެއްގެ ތެރެއަށް ވެއްޓި މީހަކު ޒަހަމް ވެއްޖެ"
ހަބަރުތަކުން މާބޮޑު ނުރައްކަލެއް ފާހަގައެއް ނުކުރެވެ އެވެ. ވަރަށް އާދައިގެ ކަމެކެވެ. އެއް ސަބަބަކީ މިދިޔަ މަހު ވެސް މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައި ތުއްތު ކުއްޖަކު މަރުވެ، އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެފައިވުމެވެ. ނަމަވެސް ފާރޮށިގޭގައި ހިނގި ހާދިސާއަށް ބަލައިލުމުން މީގެ ނުރައްކާ އިހުސާސް ކުރެވެ އެވެ. އެއް ސަބަބަކީ މާލޭގެ ހުރިހާ ބޮޑެތި އިމާރާތްތަކެއްގައި ލިފްޓް ހުރުމެވެ. މިއާއެކު ސުވާލުތައް ފުނިޖެހެ އެވެ. މި ހާދިސާ ހިނގީ ކީއްވެގެން ހެއްޔެވެ ލިފްޓް މެއިންޓަނަންސް ބަލަހައްޓާ ހެއްޔެވެ؟ ޒިންމާވާނީ ކޮން ބައެއް ހެއްޔެވެ؟
"ކޮންމެ އުސް އިމާރާތެއްގައި މިހާރު ލިފްޓް ހުރޭ. އެހެންވީއިރު މިއީ ކިހިނެއް ދިމާވި ކަމެއްތޯ އެބަޖެހޭ ބަލަން،" ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ އިސް މީހަކު ބުނީ މިހެންނެވެ.
ހާދިސާ ހިނގައި ދިޔަ ގޮތް: ބިރުވެރި
ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ނަލަހިޔާ އިން ހަދާފައިވާ ފާރޮށިގޭގެ 10 ބުރީގެ އިމާރާތަކީ ވަރަށް އާ އިމާރާތެކެވެ. މީހުން އުޅެން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. މި އިމާރާތުގައި ހަރުކޮށްފައިވާ ލިފްޓް މެއިންޓަނަންސް ބަލަހައްޓަނީ 2009 ވަނަ އަހަރުން ފެށިގެން މި މަސައްކަތް ކުރާ މަޝްހޫރު ކުންފުނިންޏަކުންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ނަލަހިޔާ އޮފީހުގައި މަސައްކަތްކުރާ 38 އަހަރުގެ ފިރިހެނަކަށެވެ .މި ހާދިސާ ހިނގާފައިވަނީ އޭނާ އޮފީސް ނިމިގެން ގެއަށް ދާން ނުކުމެ ލިފްޓަށް "އެރިތަނުން" ނެވެ. އާންމު އެހެން ދުވަސްތަކެކޭ އެއްގޮތަށް އެ ދުވަހު ވެސް އޭނާ ލިފްޓަށް ފިތާލުމާއެކު ލިފްޓް "އައީ އެވެ." ނަމަވެސް މި ހާދިސާއަށް ބަލާއިރު ހަގީގަތުގައި ލިފްޓެއް ހަތްވަނަ ބުރިއާ ހަމައަކަށް އައިސްފައެއް ނުވެ އެވެ. ހަތްވަނަ ބުރިއަށް އައީ ލިފްޓުގެ ބައެކެވެ. ލިފްޓު އޮތީ ފަސްވަނަ ބުރީގައި ތާށިވެފަ އެވެ. އެހެންވެ ދޮރު ހުޅުވުމާއެކު އޭނާ ލިފްޓަށް ފައިލުމާއެކު އެސްފިޔަ ޖަހާލާހާ ބާރު ސްޕީޑުގައި އޭނާ ވެއްޓިގެން ގޮސް ޖެހުނީ ފަސްވަނަ ބުރީގައި އޮތް ލިފްޓުގަ އެވެ. އޭނާ ވެއްޓިފައިވާ ހަތް ވަނަ ބުރިން ފަސް ވަނަ ބުރިއާ ދެމެދު ގާތްގަނޑަކަށް 20 ފޫޓު ހުރެ އެވެ. އަދި އޭނާ ބިމަށް ފައިބައިގެން ދިޔަ ބާރު މިނަށް ބަލާއިރު އެއީ ގާތްގަނޑަކަށް ގަޑިއަކު 200 ކިލޯ މީޓަރުގެ ބާރު މިންކަމަށް ބުނެވިދާނެ އެވެ. އެހާވެސް ބާރެވެ. މިއީ ފަޅި ސިކުންތެއްހާ އިރުގެ ވަގުތު ކޮޅެކެވެ. އަދި އެ ތަނުން އޭނާ ނަގާފައިވަނީ ސިފައިންގެ "ފަޔާ އެންޑް ރެސްކިއު" ގެ ބުރަ މަސައްކަތުން ގާތްގަނޑަށް 30-40 މިނެޓު ފަހުންނެވެ. މި ހާދިސާގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.
ލިފްޓް ތާށިވީ ތަ؟
ދެން އޮތީ މި ހާދިސާގެ ބޮޑު ސުވާލެވެ. މި ލިފްޓް ތާށިވީ ހެއްޔެވެ؟ ލިފްޓަށް ދިމާވީ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއް ހެއްޔެވެ؟ "ސެންޔޯ" ބްރޭންޑުގެ މި ލިފްޓަކީ ބަރާބަރަށް މެއިންޓަނަންސް ބަލަހައްޓަމުންދާ ލިފްޓެއް ކަމަށް "އަވަސް" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވެ އެވެ. އެހެންވީއިރު މިއީ މެނުފެކްޗައިން ފޯލްޓެއް ހެއްޔެވެ؟
"އަވަސް" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ލިފްޓުގައި ހުޅުވެން ނުޖެހޭ ތަނެއް ހުޅުވިގެންނެވެ. ލިފްޓް ދަތުރުކުރަމުން ހަތްވަނަ ބުރިއަށް އައުމުގެ ކުރިން ލިފްޓުގެ ދޮރު މާ އަވަހަށް ހުޅުވިގެން ދިޔައީ އެވެ. ބަރާބަރަށް ލިފްޓް މަސައްކަތް ކުރާނަމަ ލިފްޓް ދަތުރު ކުރުމަށް އިންނަ "ކާރު ދޮރާއި" ލޭންޑިން ދޮރު ހުޅުވެން ޖެހެނީ އެކުއެކީގަ އެވެ. އެއް ވަގުތެއްގަ އެވެ. ނަމަވެސް މި ހާދިސާގައި ލޭންޑިން ދޮރު ހުޅުވިފައިވަނީ މާ އަވަހަށެވެ. މި ހާދިސާ ހިނގީ މި ސަބަބާ ހުރެ ކަމަށް ބުނެވިދާނެ އެވެ. ދެން އޮތް ސުވާލަކީ ބަރާބަހަށް މެއިންޓަނަންސް ކުރަމުން ދިޔަ ލިފްޓަކަށް އެ ފަދަ ކަމެއް ދިމާވެދާނެ އެވެ. އެ ސުވާލުގެ ޖަވާބު ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
"އަވަސް" އަށް އެނގިފައިވާ ގޮތުގައި ލިފްޓު އޮޕަރޭޓްކުރާ ކުންފުނިން ވަނީ ބޭރުގެ އެކްސްޕާޓެއް ގެނެސްދެން މި ހާދިސާގެ ސަބަބު ދެނެ ގަތުމަށް ތަހުގީގެއްވެސް ފަށާފަ އެވެ.
ދުރާލާ ރައްކާތެރިވާން ޖެހޭ
މި ހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ. ނަމަވެސް އިމާރާތްތަކުގައި ލިފްޓް ބެލެހެއްޓުމާއި އިމާރާތްތަކުގައި ކުރާ މަސައްކަތްތަކަށް ފާރަލާ ހައުސިން މިނިސްޓްރީން މި ހާދިސާއާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. މީގެ ކުރިން ހިނގައި ދިޔަ ހާދިސާއަކާ ގުޅިގެން ހައުސިން މިނިސްޓްރީއާ ދިމާލަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވި އެވެ. މި ފަދަ ހާދިސާތަކަކީ ދުރާލާ ފިޔަވަޅު އަޅަން ޖެހޭ ކަންކަމެވެ. މާލޭގެ ކޮންމެ ގެއެއްގައި މިހާރު ލިފްޓް ހުރެ އެވެ. އެހެންވީިއިރު ފިލްޓުގެ ހިދުމަތް ހޯދާ މީހުންނަށް އޭގެ ޔަގީންކަން އޮންނަން ޖެހެ އެވެ. އެކަން ޔަގީން ކޮށްދޭން ޖެހެ އެވެ. ކޮންމެ ކަމެއް ހިނގުމުން ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި ކުރިއާލާ ރަނގަޅު ކުރަން ޖެހެނީ މިހެންވެގެންނެވެ. ނޫންނަމަ ފާރޮށިގޭގެ ލިފްޓް ހާދިސާ ފަދަ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގައިފާނެ އެވެ.