މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް 1400 ބޮޑީ ކެމެރާ ހޯދަނީ

ސީންތަކަށް ދާއިރު ފުލުހުންގެ ގައިގައި ހަރު ކޮށްގެން ބޭނުން ކުރާ ބޮޑީ ކެމް ނުވަތަ "ބޮޑީ ވޯން ކެމެރާ" ގެ 1400 ކެމެރާ ހޯދަން އިއުލާންކޮށްފި އެވެ.

ކެމެރާތައް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަން އިއުލާންކުރި އިރު އެ ބީލަށް ކުރިއަށް ގެންދަން ނިންމާފައިވަނީ އިންޓާނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) ގެ އުސޫލުގެ ދަށުން ކަމަށް ފުލުުހުން ބުނެއެވެ.

އެ ބީލަމުގައި ބައިވަރިވާން 1500 ރުފިޔާގެ ނޮން ރިފެންޑެބަލް ފީއަކާއި އަދި ބިޑް ސެކިއުރިޓީ ފީއެއްގެ ގޮތުގައި 390,000 ރުފިޔާ ހިމެނޭއިރު މިމަހުގެ 31 ވަނަ ދުވަހު ބީލަން ހުޅުވާނެ އެވެ.

ބޮޑީ ކެމްތައް ހޯދަން މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނައިފައި ވެއެވެ. އަދި 1400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގްރާމެއް ވެސް ހިންގި އެވެ. ނަމަވެސް އޭގެ ރިލައިބިލިޓީއަށް ބަލައި އެމެރިކާގެ އެކްސް އޯން ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށްޓަކައި ޓެންޑާ ބޯޑަށް ހުށަހެޅުމުން އެގޮތަށް އެކަންކުރަން ނުފެންނަ ކަމަށް ޓެންޑަ ބޯޑުން މިއަހަރު މޭ މަހު ނިންމި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ޖޫން މަހު ވިދާޅުވީ ކެމެރާތައް ހޯދަައި އަލުން މަސައްކަތް ފަށައި މިއަހަރު ކެމެރާތައް ބޭނުންކުރަން ފަށަން އަމާޒު ހިފައިފައިވާ ކަމަށެވެ.

އަޖުމަ ބެލުމުގެ ގޮތުން ބޮޑީ ކެމަރާތަކެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭނުން ކުރި އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭރު ވިދާޅުވީ އެ ޓެކްނޮލޮޖީ ޓެސްޓްކޮށް ނަތީޖާއަށް ބެލުމަށްފަހު އެ ކެމެރާ ބޭނުން ކުރުން ފުޅާކުރާނެ ކަމަށެވެ.