ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމުގެ ޝަރުތުތައް ހިމަނަން ހުށަހަޅާފައިވާ އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހާއްސަކޮށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވި ގޮތުގައި ބިލަށް އިސްލާހު ހުށަހަޅާފައިވަނީ ވަކި ބޭފުޅަކު ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމަށް ގެނައުމަށެވެ.
"(ބިލްގައި) މީގައި ގެނެސްފައި ހުރި ބަދަލުތަކަށް ބަލާއިރު މާ މުހިންމު ބަދަލެއް ނެތް ގެނެސްފައެއް. ބޭނުންފުޅު ވަނީ މި ބިލް ތަސްދީގުކޮށް އަލުން ވަކި ބޭފުޅަކު ބޭނުންވާ ބޭފުޅެއް މި މަގާމަށް ގެންނަން. އެއީ މުލިއާގެއިން މިކަމަށް ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ހަގީގަތުގައި ބޭނުންވަނީ،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވަނީ މިއީ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތުގެ މަގާމަށް ވަކި ބޭފުޅަކު ގެންނަން ކުރާ މަސައްކަތެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
"ހަމަ ހަގީގަތުގައިވެސް މެޑަމް ސާޖިދާއަށް ހައްދަވާފަ ދެއްވާފަ އޮތް ބިލެއް މިއީ،" ނާޒިލް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފަސްޓްލޭޑީވުމާ ހަމައަށް ހުންނެވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ މަގާމުގަ އެވެ.