އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީ އިން ހިންގީ އެންމެ ބޮޑެތި ކުށްތައް، މިއީ އެންމެ ބޮޑު ތަހުގީގު: އޭސީސީ

Nov 21, 2015
4
  • ނުވަ އިންވެސްޓިގޭޓަރަކު ތަހުގީގުގައި ބައިވެރިވޭ
  • ރަށްތައް ކުއްޔަށް ނެގި ފަރާތްތަކާ އިންޓަވިއުދަނީ ކުރަމުން
  • އެންމެންގެ އެއްބާރުލުން ލިބޭ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހަޔާތުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު ތަހުގީގު ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ތަހުގީގާ ގުޅޭ ބައެއް މައުލޫމާތުތައް މިއަދު "އަވަސް"އާ ހިއްސާ ކުރައްވަމުން މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އެހާ ބޮޑީ އެ ކުންފުނީގެ ތެރެއިން ޖިނާއީ ބޮޑެތި ކަންތައްތަކެއް ވެސް ހިންގާފައި ވާތީ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ އަށް ފައިދާ ހޯދުމާއި އެހެން ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް އެ ތަހުގީގު ތެރެއިން ބަލަމުން އަންނަ ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ ހިޔާނާތުގެ ކަންތައްތަކަކީ ކޮމިޝަނުން އެންމެ އިސްކަން ދޭ ތަހުގީގަށް ވާއިރު، އެ ތަހުގީގުގައި ކޮމިޝަންގެ ނުވަ އިންވެސްޓިގޭޓަރަކު ބަައިވެރިވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. މީގެ ކުރިން ތަހުގީގުތަކުގައި އާންމުކޮށް ހަރަކާތްތެރިވަނީ ދެތިން އޮފިސަރުންނެވެ.

"ކުންފުނީގެ ހިސާބުތައް ބެލުމުގެ އިތުރަށް ބޭންކްތަކުންނާއި އެކި އަމިއްލަ ފަރާތްތަކުން އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ހޯދަން ޖެހޭ. އެހެން ވީމާ އަޅުގަނޑުމެން އޭސީސީގެ ހަޔާތުގައި ކުރާ އެންމެ ބޮޑު ތަހުގީގަށް މި ވަނީ. މީގައި ހިމެނޭ ހިޔާނާތުގެ ފައިސާގެ އަދަދުތަކެއް އަޅުގަނޑުމެންނަކަށް އަދި މުޅިން ސާފެއް ނުކުރެވޭ. މީގައި ގިނަ ކަންތަކެއް ބަލަން ޖެހޭތީ އަދި ގިނަ ހިޔާނާތްތަކެއް ހިންގާފައި ހުރުމުން މި ތަހުގީގު މީގެ ކުރީގެ ތަހުގީގުތަކަށް ވުރެ މާ ބޮޑުވެފައި އުނދަގޫ މިވަނީ،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަހުގީގުގައި މިހާރު ސުވާލު ކުރަމުން ދަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކާ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކާ މިހާތަނަށް ސުވާލުކޮށް މައުލޫމާތު އެއްކުރެވިފައިވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އެ ފަރާތްތަކުގެ ކިބައިން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. މީގެ އިތުރުން ބޭންކްތަކުންނާއި ކޯޓުތަކުންނާއި ކުންފުނީގެ ބޯޑުން އަދި އަމިއްލަ އެކި ފަރާތްތަކުގެ ކިބައިން ވެސް ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މާ ގިނަ ދުވަސް ނުނަގާ އަޅުގަނޑުމެން ތަހުގީގު ނިންމާލެވޭތޯ މަސައްކަތް ކުރަމުން މި އަންނަނީ. މީގެ ތެރެއިން ވެސް ބައެއް ކަންކަން ކުރިފަޅައިގެން އައިމާ ބަލަމުން ވެސް އެބަ ދާން ޖެހޭ. އެންމެ ބާރަށް މި ތަހުގީގު ކުރިއަށް ގެންގޮސް ވީހާ ވެސް އަވަހަކަށް މި ތަހުގީގު ފުރިހަމަ ކުރަން އަޅުގަނޑުމެން މި ބަލަނީ،" މުއައްވިޒު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެދުމަކީ މި ތަހުގީގަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވުން. އާންމުން ވެސް މިކަމުގެ މައުލޫމާތެއް އިނގޭ ނަމަ ހިއްސާ ކުރެއްވުން،"

އެމްއެމްޕީއާރުސީގެ ހިޔާނާތް 100 މިލިއަން ޑޮލަރަށް އަރާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. އެ ކުންފުނިން އެމްޑީ އަބްދުﷲ ޒިޔަތު އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިރު، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެއެއް ކަމަށްވާ، ހާމިދު އިސްމާއިލް ހާމިދު ސޭޓް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދީބުގެ ތަހުގީގުގައި ވެސް އެކަމާ ގުޅޭ ގޮތުން އަންނަނީ ސުވާލު ކުރަމުންނެވެ. އެ ކުންފުނީގެ ތެރެއިން މަނީ ލޯންޑްރިން އާއި ނާޖާއިޒު ގޮތުގައި އެކި އަމިއްލަ ފަރާތްތަކާ ފައިސާ ދޫކޮށްފައިވެ އެވެ.