ހުސައިން ޝަމީމް

ފަހެއްހައެއްގެ މައުލޫމާތާ އެކު ޕީޖީ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

Aug 2, 2021

ފަހެއްހައެއްގެ ހަމަލާއާއި ގުޅުންހުރި މައްސަލަތަކުގައި ނިންމުންތަކެއް ނިންމާފައިވާތީ އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ ފަހެއްހައެއްގެ ހަމަލާއާއި ގުޅިގެން އެ އޮފީހުން ވަރަށް ގިނަ ނިންމުންތައް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ނިންމުންތަކާއި އަދިވެސް ހަމަލާއާއި ގުޅުންހުރި އިތުރު މައުލޫމާތުތައް ހިއްސާކުރެއްވުމަށް މާދަމާ މެންދުރުފަހު 2:00 ޖަހާއިރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

ފަހެއްހައެއްގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ކަން ފުލުހުން ހާމަކޮށްފައިވަނީ ފަސް މީހެއްގެ މައްސަލަ އެވެ. އެގޮތުން ދައުވާކުރަން ފޮނުވީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)އާއި، ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ)ގެ އިތުރުން ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27 އ) އެވެ.

ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ މ. ކުދެހިގެ އިސްހާގާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހްމީ އަލީ އާއި، ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްގެ އިތުރުން ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.

ޕީޖީ ޝަމީމް މީގެ ކުރިން ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އުޅުނު މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އެފަދަ ހަމަލާތައް ތަކުރާރު ނުވާނެ ގޮތެއް ހެދުމަށްޓަކައި ޕީޖީ އޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. ހަމަލާގެ ބައިވެރިވި މީހުންގެ މައްޗަށް ދައުވާކުރުމަށް ބޭނުންވާ ހެކި ލިބިފައިވާ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން މީގެކުރިން ބުނީ ހައެއްފަހެއްގެ ހަމަލާގެ ތަހުގީގު ގިނަވެގެން ދެތިން މަސް ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށެވެ. ތަހުގީގުގައި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ހައެއްފަހެއްގެ ހަމަލާ ދީފައިވަނީ ބަޔަކު ފަންޑު ކޮށްގެން ކަމަށް ބެލެވޭނެ ހެއްކެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.