ނަޝީދަށް އަމާޒު ކުރި ހަމަލަ

ހައެއްފަހެއްގެ ހަމަލާގައި ހިމެނޭ ހަތަރު މީހުނަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ހަމަލާގައި ހިމެނޭ ހަތަރު މީހަކަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހަމަލާގެ ތަހުގީގުގައި ބައިވެރިވި ފުލުހުންގެ އޮފިސަރުން ކުރި މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ.

ސީޕީ ކުރެއްވި ޓްވީޓްގައި ދައުވާ އުފުލީ ކޮން ބައެއްގެ މައްޗަށް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.

ފަހެއްހައެއްގެ ހަމަލާއާއި ގުޅިގެން ޕީޖީ އޮފީހުން ވެސް ވަނީ ވަރަށް ގިނަ ނިންމުންތައް ވަނީ ނިންމާފަ އެވެ. އެހެންކަމުން އެ ނިންމުންތަކާއި އަދިވެސް ހަމަލާއާއި ގުޅުންހުރި އިތުރު މައުލޫމާތުތައް ހިއްސާކުރެއްވުމަށް މިއަދު މެންދުރުފަހު 2:00 ޖަހާއިރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ނިންމަވާފަ އެވެ.

ފަހެއްހައެއްގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ކަން ފުލުހުން ހާމަކޮށްފައިވަނީ ފަސް މީހެއްގެ މައްސަލަ އެވެ. އެގޮތުން ދައުވާކުރަން ފޮނުވީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)އާއި، ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ)ގެ އިތުރުން ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27 އ) އެވެ.

ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ މ. ކުދެހިގެ އިސްހާގާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހްމީ އަލީ އާއި، ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްގެ އިތުރުން ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.