އދ. މާމިނގިލީގައި ދެ ބިދޭސީ އަކު ހިންގި މާރާމާރީއެއްގައި އެކެއްގެ ހާލު ސީރިއަސް ވެއްޖެ އެވެ.
މާމިނގިލީ ކައުންސިލަރު އަހްމަދު ޝަހްރަމް އަވަސް އަށް ވިދާޅުވީ މާރާމާރި ހިންގީ ބަގްލަދޭޝް އަށް ނިސްބަތްވާ ދެ ބިދޭސީން ކަމަށެވެ.
އެ ދެމީހުނަށް ވެސް މާމިނގިލި ހޮސްޕިޓަލުގައި މިހާރު ގެންދަނީ ފަރުވާދެމުންނެވެ.
މާރާމާރީ ހިންގި ބިދޭސީންނަކީ އެ ރަށުގެ ވޯކްޝޮޕެއްގައި މައްސައްކަތް ކުރާ ދެމީހުންނެވެ.
ޝަހްރަމް ވިދާޅުވީ މާރާމާރީ ހިންގީ އިންޖިނިއަރެއްގެ ގޮތުގައި އުޅުނު މީހަކާއި ސައިކަލުތައް ފޮހެން އުޅުނު މީހަކާ ދެމެދުގައި ކަމަށެވެ.
މާރާމާރީއާއި ގުޅިގެން ދެމީހުންގެ ބޯ ވެސް ވަނީ ފަޅައިގެން ގޮސްފަ އެވެ. ސައިކަލު ސާފުކުރަން އުޅޭ ބިދޭސީ މީހާގެ ބޮލުގައި ޖަހާފައިވަނީ މަރުތެލަކުން ކަމަށް ވެސް ވިދާޅުވި އެވެ.
މާރާމާރީ ހިންގިއިރު ވޯކްޝޮޕްގެ ވެރިފަރާތް ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި ބިދޭސީންގެ ދެމެދުގައި މައްސަލަ ޖެހުނު ސަބަބެއް އަދި ނޭނގޭ ކަމަށް ވެސް ޝަހްރަމް ވިދާޅުވި އެވެ. މަރުތެލުން ޖެހުމުން އަނިޔާވި ބިދޭސީ މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މާރާމާރީއާ ގުޅިގެން އދ. މަހިބަދޫން ފުލުހުންގެ ޓީމެއް މާމިގިއްޔަށް ގޮސް މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު އަވަސް އަށް ވިދާޅުވީ މާރާމާރީ ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށެވެ.