ދައުލަތުގެ ދަރަނި

ލޯނުތަކަށް ދެއްކި އަދަދު 626.9 މިލިއަނަށް

މި އަހަރުގެ މިހާތަނަށް ރާއްޖޭން ނަގާފައިވާ ލޯނުތަކަށް 626.9 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 626.9 މިލިއަން ރުފިޔާ ލޯނު ދައްކަން ހަރަދު ކުރިއިރު، މިދިޔަ އަހަރުވެސް މި އަދަދު އުޅެނީ ގާތްގަނޑަކަށް މިވަރުގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލޯނު ދައްކަން ވަނީ 628.0 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ލޯނު ދައްކަން ބަޖެޓުކޮށްފައިވަނީ 1,469.9 ބިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަންޏާއެކު ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 79.8 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ބޭރުގެ ދަރަނީގެ ނިސްބަތަކީ 38 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި އުޅެނީ 41 ބިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން ބަލާނަމަ މިހާރު ވަނީ 138 ޕަސެންޓަށް އަރާފަ އެވެ. ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ހުރީ 66 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 72 ޕަސެންޓުގަ އެވެ.

ދަރަނި މަތިވެގެން ގޮސްފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާ އިން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ލޯނު ނަގަމުންނެވެ. މި ކަމަށް ނަގާ ލޯނުގެ ސަބަބުން ދަރަނި ދަނީ މަތިވަމުންނެވެ. އެއް ގައުމަކަށް ބަލާއިރު ރާއްޖޭގެ ދަރަނި އެންމެ މަތިއެއް ގައުމަކީ އިންޑިއާ އެވެ. އަދި ދެވަނައަށް އެންމެ ގިނަ ދަރަންޏެއް އޮތީ ޗައިނާ އެވެ. ނަމަވެސް ކޮވިޑް-19 ގެ މިހާތަލާ ގުޅިގެން ޗައިނާ ދަރަނީގެ ބޮޑުބައެއް ވަނީ ރާއްޖެއަށް ފަސްކޮށްދީފަ އެވެ.

މި އަހަރަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ އަމީރު ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި އަހަރުގެ ނިޔަލަށް ދަރަނި 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވިދާޅުވެފަ އެވެ.