މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް މަޝްރޫއުއަށް އިންޑިއާއިން 600 މީހުން ގެންނަނީ

ދިވެހި ފުލުހުންގެ ތާރީހުގައި ވެސް އެ މުއައްސަސާއިން ހިންގާ އެންމެ ބޮޑު މަޝްރޫއުއަށް އިންޑިއާ އިން 600 އެއްހާ މަސައްކަތު މީހުން ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ. މި މަޝްރޫއު ހިންގަނީ އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

މިދިޔަ މަހު 17 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސްއާ އެކު ސޮއިކުރި އެ މަޝްރޫއުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމާރާތް އަޅާނެ އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އިންޑިއާގެ ކުންފުނީގެ ޗެއާމަން ބުޕޭޝް ނާގަރާޖަން އިންޑިއާ ނޫސްތަކަށް ވިދާޅުވީ ރާއްޖޭގައި ހިންގާ މަޝްރޫއަށް އިންޑިއާގެ 500 މަސައްކަތު މީހުންނާއި 100 އިންޖިނިއަރުން ރާއްޖެ ގެންނާނެ ކަމަށެވެ. އެ މީހުން ގެންނަނީ އިންޑިއާގެ ޓެމިލްނާޑޫ އިންނެވެ. އަދި މަސައްކަތަށް މީހުން ނަގާއިރު ބޮޑަށް އިސްކަން ދޭނީ ކޮވިޑާ ގުޅިގެން ވަޒިފާތައް ގެއްލިފައި ތިބި މީހުންނާއި މެދުއިރުމަތީގެ ވަޒީފާތަކުން އެނބުރި ގައުމަށް އައިސްފައި ތިބި މީހުން ކަމަށް ވިދާޅުވިއެވެ.

އެ މަސައްކަތަށް ބޭނުންވާ މަސައްކަތު މީހުން ގެންނަން ހާއްސަ ފްލައިޓްތަކެއްވެސް ބާއްވަން ނިންމާފައިވާ އިރު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ރާއްޖެއިން ވިސާ ދޭނެކަމަށް ވެސް ބުނެފައި ވެއެވެ.

އެ މަސައްކަތަށް ބޭނުންވާ ސާމާނު ގެންނަން ނިންމާފައިވަނީ ޓެމިލްނާޑޫއިން އެވެ.

މި މަޝްރޫއުގެ ދަށުން 61 ޕޮލިސް ފެސިލިޓީ އާއި އިމަރާތް އަޅާއިރު އޭގެ ތެރޭގައި ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީ އާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީ ގޮތުން އިތުރަށް ތަރައްގީ ކުރާނެ އެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް މިމަޝްރޫއުގައި ހިމެނެ އެވެ.

މި މަޝްރޫއުގައި ހިމެނޭ ހުރިހާ މަސައްކަތެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ދިވެހި ފުލުހުންނާ ހަވާލުކުރަންޖެހެ އެވެ.

ފުލުުހުންގެ އިދާރާއިން ބުނީ މި މަޝްރޫއުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ ޑިމޮކްރެޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ. މީގެއިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެ ކަމަށެވެ.

އިންޑިއާއިން އައްޑޫގައި ޕޮލިސް އެކެޑަމީއެއް ހަދަމުންދާ އިރު އެ ސިޓީގައިވެސް ގިނަ އަދަދެއްގެ އިންޑިއާ މީހުން މިހާރުވެސް ތިބެއެވެ.

އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ މަސައްކަތު މީހުން ގެންނައިރު އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަން އެގައުމުން ދާދި ފަހުން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގާ ކަަމަށް ތުހުމަތުކޮށް "ސޭވް އައްޑޫ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއްވެސް ހިންގާފައި ވެއެވެެ.

އިންޑިއާއިން މޮރިޝަސްގައިވެސް ދަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން ނެެވެ. އަލްޖަޒީރާއިން ދާދި ފަހުން ބުނީ މޮރިޝަސްގެ އަގަލެގާގައި އިންޑިއާއިން އަސްކަރީ މަރުކަޒެއް ސިއްރުން ގާއިމުކުރަމުންދާ ކަމަށާއި އަދި އެ ތަން ބިނާކުރުމަށް އެތައް ސަތޭކަ އިންޑިއާގެ މަސައްކަތު މީހުން ހަަރަކާތްތެރިވަމުންދާ ކަމަށެވެ.