ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން އިއްޔެ މާލޭގައި ބޭއްވި އެއްވުމުން ހައްޔަރުކުރި މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަަމަށް ފުލުހުން ބުނެފި އެވެ.
އެ އެއްވުން ނުބާއްވަން އަންގާފައި ވަނިކޮށް ބޭއްވުމުން އެއްވުމުގަިއ ބައިވެރިވި 17 މީހަކު އިއްޔެ ހަވީރު ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ފުލުހުން ބުނެ އެވެ.
އަދި އެ މީހުން އަދިވެސް ދުލެއް ނުކުރެ އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ހައްޔަރުގައި ތިބި ބޭފުޅުންގެ ތެރޭގައި ޕީޕީއެމް ޑެޕިއުޓީ ޕާލިމެންޓް ލީޑަރު އަދި ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ޕީއެންސީ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނެއެވެ. އަދި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ހިމެނެއެވެ.
ޕީޕއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަވަސްއަށް ވިދާޅުވީ ހައްޔަރުކުރި މީހުން މިނިވަންކުރަން މިހާރު ލޯޔަރުން ވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެ އެންމެންވެސް ބަންދުުގައި ތިބީ ދޫނިދޫގަ އެވެ.
ހީނާ ވިދާޅުވީ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު މިހާރު ލިބިފައިވާ ކަމަށެވެ.
"ހައްޔަރުކުރި މީހުންނަށް އަންނައުނާއި ރީތިވާ ސާމާނު ހަދިޔާކުރަން ރޭ ދިޔައިމަ ބަންދު ދުވަހެކޭ ކިޔާފައި އެތަކެތި ބަލައިވެސް ނުގަތް" ހީނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އިރު އެ ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅަން މިހާރު ވެރިކަން ކުރާ އެމްޑީޕީން ދަނީ ތައްޔާރުވަމުން ނެވެ.
ނަަމަވެސް ޕީޕީއެމް / ޕީއެންސީ ބުނީ ހަރަކާތް ނުހުއްޓާނެ ކަމަށެވެ.