އިންޑިއާގެ އެހީގައި ހަދައި މިއަދު ހުޅުވި އައްޑޫ ނެޝެނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އައްޑޫ ޕޮލިސް އެކެޑަމީ) އަކީ މި ސަރަަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޕޮލިސް އެކެޑަމީއަކަށް ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
ޖައިޝަންކަރު އެފަދައިން ވިދާޅުވީ އައްޑޫ ޕޮލިސް އެކެޑަމީ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
ޖައިޝަންކަރު ވިދާޅުވީ އައްޑޫ ޕޮލިސް އެކަޑަމީއަކީ ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހާމަ ކޮށްދޭ ރަމްޒީ ބިނާއެއް ކަމަށެވެ. އަދި އައްޑޫގެ އެކެޑަމީ ކުރިއެރުވުމުގެ ގޮތުން އެ އެކެޑަމީއާ އިންޑިއާގެ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝެނަލް ޕޮލިސް އެކެޑަމީއާއެކު މިއަދު އެމްއޯޔޫއެއްގައި ވެސް މިއަދު ސޮއިކުރުމަށް ހަމޖެހިފައިވާ ކަމަށެވެ.
"އުއްމީދު ކުރަން ރާއްޖޭގެ އެކެޑަމީއަކީ ފާހަގަކޮށްލެވޭ އެކެޑަމީއަކަށް ވާނެކަމަށް. އަދި މިއަދު ސޮއިކުރާ އެއްބަސްވުމާއެކު ރާއްޖޭގެ އެކެޑަމީގެ ކެޕޭސިޓީ އިތުރުވެ ޓްރެއިނިން ކަރިކިއުލަމް އިތުރަށް ތަރައްގީވާނެކަމަށް އުއްމީދުކުރަން. އަދި ރާއްޖޭގެ އެކެޑަމީ ކުރިއަރުވަން ސަރުދާރު އެކެޑަމީން ހިންގާ ޓްރެއިނިންތަަކަށް ރާއްޖެއަށް ސްލޮޓްތައް އިތުުރުކުރާނަން. އުއްމީދަކީ މި ސަރަހައްދުގެ ވެސް ފާހަގަކޮށްލެވޭ ޕޮލިސް އެކެޑަމީއަކަށް ރާއްޖޭގެ އެކެޑަމީ ވެގެން ދިއުން" ޖައިޝަންކަރު ވިދާޅުވި އެވެ.
ޖައިޝަންކަރުގެ ވާހަކަފުޅުގައި އިންޑިއާގެ އެހީގައި ރާއްޖޭގެ ރަށްތަކުގައި ޕޮލިސް ސްޓޭޝަންތައް އަޅަން ފަށާ ބިޔަ ޕްރޮޖެކްޓަށް ވެސް އަލިއަޅުވާލެއްވި އެވެ.
ޖައިޝަންކަރު ވިދާޅުވީ ޕޮލިސް ސްޓޭޝަންގެ ބިޔަ ޕްރޮޖެކްޓަށް އެގްޒިމް ބޭންކުން މިހާރު ފައިސާ ހަމެޖެހިފައިވާ ކަމަށެވެ.
ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާ އެވެ. އެ ޕްރޮޖެކްޓް ހަވާލުކުރީ 48 މިލިއަން ޑޮލަރަށެވެ. އަދި އެ ބިޔަ ޕްރޮޖެކްޓްގެ ދަށުން 61 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް އަޅާނެ އެވެ.
"މި ޕްރޮޖެކްޓްގެ ދަށުން ރަށްރަށާއި އަތޮޅުތަކަށް ހާއްސަކޮށްގެން ހަދާ ޕޮލިސް ސްޓޭޝަންތަކާއި، ޑިވިޝަނަލް ހެޑްކުއާޓާސްތަކާއި އަދި ޑިޓެންޝަން ސެންޓަރުތައް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ" ޖައިޝަންކަރު ވިދާޅުވި އެވެ.