މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް އެކެޑަމީ ހުޅުވަން އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ރާއްޖެއަށް

އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ހެދި ޕޮލިސް އެކެޑަމީ ހުޅުވަން އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިރޭ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޖައިޝަންކަރުގެ ދަތުރުފުޅު ހަމަޖެހިފައި އޮތީ އިންޑިއާއިން ސީދާ އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަދި މިރޭ އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިއީ 2019 ވަނަ އަހަރު ޖައިޝަންކަރު ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ރަސްމީ ތިންވަނަ ދަތުރުފުޅެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ޖައިޝަންކަރު މިރޭ ރަސްމީ ވާހަކަތައް ބާއްވަވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އޭގެ ފަހުން ދެ އެމްއޯޔޫއެއްގައި ސޮއިކޮށް ދެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ އެވެ.

ޖައިޝަންކަރު ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

އިންޑިއާގެ އެހީގައި ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ އިރު ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަޑި ނޭނގޭ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ" އައުޓް"ގެ ނަމުގައި ބޮޑު ހަރާކާތެއް ވެސް ރާއްޖޭގައި މިހާރު ދަނީ ހިންގަމުންނެެވެ. އެގޮތުން އިއްޔެ އެފަދަ ބޮޑު ހަރަކާތެއް މާލޭގައި ހިންގަން އުޅެނިކޮށް ފުލުހުން ވަނީ އެ ހަރަކާތަށް ހުރަސް އެޅުމަށްފަހު 16 މީހަކު ހައްޔަރުކޮށްފަ އެވެ.