ބޮލީވުޑް

މަޝްހޫރު ޓީވީ އެކްޓަރު އަނޫޕަމް ޝިޔާމް މަރުވެއްޖެ

"މަން ކީ އާވާޒް ޕްރަތިގްޔާ" ގެ އެއްވަނަ ސީޒަނާއި ދެ ވަނަ ސީޒަންގައި ވަރަށް މޮޅު އެކްޓިން އެއް ދެއްކި ކުޅަދާނަ އެކްޓަރު އަނޫޕަމް ޝިޔާމް މަރުވެއްޖެ އެވެ. މި ސީރިއަލްގައި އަނޫޕަމް ކުޅެފައިވަނީ ޓާކޫރް ސަޖަން ސިންގްގެ ރޯލެވެ.

އުމުރުން 63 އަހަރުގައި އަނޫޕަމް މަރުވީ ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ފާއިތުވީ އެތައް ދުވަހަކުއްސުރެ އޭނާ އޮތީ ހާލު ބޮޑުވެގެން ވެންޓިލޭޓަރަށް ލާފަ އެވެ. އަދި މަރުވީ އެތެރެހަށީގެ އެތައް ގުނަވަނެއް އެއްފަހަރާ ފޭލްވެގެންނެވެ.

މިދިޔަ އަހަރުގެ މާޗް މަހު ވެސް އަނޫޕަމް ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. އެ ފަހަރު ވެސް ފައިސާގެ ދަތިކަން ބޮޑުވެ ހޮސްޕިޓަލު ބިލުތައް ދެއްކޭނެ ގޮތެއް ނެތިގެން، ޓީވީ އިންޑަސްޓްރީގެ އެހީތެރިކަމަށް ވެސް އަނޫޕަމްގެ ބޭބެ އެދުނެވެ.

އެ ފަހަރު ބަލި ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން "މަން ކީ އާވާޒް ޕްރަތިގްޔާ 2"ގެ ޝޫޓިންގްގައި އަނޫޕަމް ބައިވެރިވާން ފެށި އެވެ. މިއަހަރުގެ ތެރޭގައި ފެށި މި އާސީޒަންގެ ޝޫޓިންގްގައި އަނޫޕަމް ބައިވެރިވަމުން ދިޔައިރުވެސް ގަވާއިދުން އޭނާއަށް ހަފުތާ އަކު ތިން ދުވަހު ޑައިލެސިސް ވެސް ހަދަން ޖެހެ އެވެ.

ޑައިލެސިސް ހަދަން އޮންނަ ދުވަސް ދުވަހު އޭނާ ޝޫޓިން ފުރިހަމަކޮށްފައި ހޮސްޕިޓަލަށް ގޮސް ޑައިލެސިސް ހަދާ ކަމަށް ވެއެވެ.

"މަން ކީ އާވާޒު ޕްރަތިގްޔާ 2" ފެށުމާ ދިމާކޮށް މިއަހަރު ކުރީކޮޅު އަނޫޕަމް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ ބަލިވެ އުޅެމުން ވެސް އެ ސިލްސިލާގައި ބައިވެރިވާން ނިންމީ އޭނާގެ ކެރެކްޓާއަކީ މީހުންނަށް ވަރަށް މަގްބޫލު ކެރެކްޓާއަކަށް ވާތީ ފޭނުން ދެރަކުރަން ބޭނުން ނުވާތީކަމަށެވެ.

"މަރާ ހަނގުރާމަ ކުރަމުން މިދަނީ. އެހެން ނަމަވެސް 'ޕްރަތިގްޔާ' އިން ބެލުންތެރިންގެ މުނިފޫހިފިލުވަން ވެސް ބޭނުންވާތީ މަސައްކަތް ކުރަނީ މި،" އަނޫޕަމް ބުންޏެވެ.

"ޕްރަތިގްޔާ"ގެ އިތުރުން ބައެއް ހިންދީ ފިލްމުތައް ވެސް އަނޫޕަމް ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "ދަސްތަކް"، "ދިލް ސޭ...."، "ލަގާން"، "ގޯލްމާލް" ހިމެނެ އެވެ.